ދުނިޔެ

އިރާޤުގެ އިންތިޚާބުގައި ބޭނުންކުރާ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ނުދިނުމަށް ގޮވާލައިފި


އަންނަ މޭ މަހުގެ 12 ވަނަ ދުވަހު އިރާޤުގައި ބާއްވާ ޢާއްމު އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން ކެމްޕޭންކުރުމަށް އެ ޤައުމުގެ އެކި ސަރަހައްދުގައި ހަރުކުރާ ޕޯސްޓަރުތަކާއި އެހެނިހެން ލިޔެކިޔުންތަކަށް ގެއްލުންދީ ހަލާކުކުރާ ފަރާތްތަކަށް އަދަބުދޭނެކަމަށް އިރާޤުގެ ދާޚިލީ ވުޒާރާއިން ބުނެފިއެވެ.

މިކަމާ ބެހޭގޮތުން އިރާޤުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޕޯސްޓަރުތައް ވީދާ، އެ ތަކެއްޗަށް ގެއްލުންދިނުމަކީ، ޤާނޫނާ ކުށެއް ކަމަށާއި، މި ފަދަ ކުށް ކުރާ ފަރާތްތަކަށް، ޙައްޤު އަދަބު ދޭނެކަމަށެވެ. މި ގޮތުން މިފަދަ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި، އެއް މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ އިތުރުން،850 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން ހިމެނެއެވެ.

މޭ މަހުގެ 12 ވަނަ ދުވަހު އިރާޤުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބަށް އެ ޤައުމު މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިއީ އެ ޤައުމުގެ ގިނަ ސަރަހައްދުތަކެއް ހިޞާރުކޮށްގެން ތިބި އައި.އެސް. ޖަމާޢަތުގެ މައްޗަށް އެ ޤައުމުގެ އަސްކަރިއްޔާއަށް ނަޞްރު ލިބުނުފަހުން އިރާޤުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ. މި އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑިއަށް 6986 ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ. އަދި މި އިންތިޚާބު މެދުވެރިކޮށް، ކުރިއަށް އޮތް ތިން އަހަރުދުވަހު އިރާޤުގައި ވެރިކަންކުރާނެ ސަރުކާރު ކަނޑައެޅިގެންދާނެއެވެ.