އައްޑޫ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އޮތް ތާޢީދު އިތުރު ކުރުމުގެ ގޮތުން އެސިޓީގައި ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އައްޑޫ ސިޓީގެ އަވަށްތަކުގައި ރައީސް ޔާމީނަށް އޮތް ތާޢީދު އިތުރު ކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން އިންތިޒާމްކޮށްގެން ބާއްވާ މި ޙަރަކާތްތަކުގައި އައްޑޫ ސިޓީގައި ހިނގާ ތަރައްޤީގެ މަޝްރޫޢުތައް ބަލާލުމުގެ ފުރުޞަތާއި ޢާންމު ރައްޔިތުންނާ ބައްދަލުކޮށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރައްޤީއާ ގުޅޭ ވާހަކަތައް ޙިއްޞާ ކުރުން ހިމެނޭއެވެ. އަދި މިހަރަކާތުގެ ތެރެއިން ބައެއް ސަރަޙައްދުތަކުގައި ކަންމަތީ ބައްދަލުވުންތައް ބާއްވާ ރައްޔިތުންނަށް މަޢުލޫމަތު ދީފައިވެއެވެ. އައްޑޫސިޓީގައި ކުރިއަށް ގެންދާ މިހަރަކާތްތަކުގައި ބައިވެރިވި ބައެއް މީހުން ބުނީ ރައީސް ޔާމީން އަންނަ ރިޔާސީ ދައުރަށް ހޮވަންޖެހޭކަމަށާއި އެމަނިކުފާނުގެ އިތުރު ދައުރެއްގައި އައްޑޫ ސިޓީއަށް އަންނާނެ ތަރައްޤީ އިތުރުވާނެކަމަށެވެ.
"މީގެ ކުރިއާ ޚިލާފަށް އެގިގެން އެބަދޭ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކާއި ސަރުކާރުން ކުރިއަށް ކޮށްދެއްވާނެ ކަންތައްތައް. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބްދުލް ޤައްޔޫމް 2018އަށް ހޮވިއްޖެނަމަ، އައްޑުއަތޮޅަށް އަންނާނެ ތަރައްޤީ އިތުރުވެގެންދަނެ. ރައީސުލް ޖުމްހޫރިއްޔަ ވިދާޅުވެފައިވަނީ ރައިސް 2018 ވަނަ އަހަރުގެ އިންތިހާބް ކާމިޔާބްކޮށް ހޮވިއްޖެއްޔާމު އައްޑޫއަށް އެތައް ގުނަ ތަރައްކޮށްދެއްވާނެކަމަށް. އެހެންވީމަ އަޅުގަނޑުމެން އުއްމިު ކުރައްވަނީ 2018އަށް ރައީސުލް ޖުމްހޫރިއްޔާަ މި އަތޮޅުގެ އައުލަބިއްޔަތު ލިބިގެންދަނެކަމަށް" އައްޑޫ ރައްޔިތަކު ބުންޏެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ބެފުޅުންނަށްވެސް އަދި ޚާއްސަކޮށް އައްޑޫސިޓީގެ ހުރިހާ ރައްޔިތުންނަށް ކުރަން ބޭނުންވާ އިލްތިމާސަކީ 2018 ވަނަ އަހަރު ބޭއްވޭ ރިޔާަސީ އިންތިހާބުގައި ރާއްޖޭގެ އިއްޒަތްތެރި ރައިސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލް ޤައްޔޫމަށް ވޯޓުދެއްވަށޭ. އޭރުން އިރަދަ ކުރެއްވިއްޔާ އައްޑޫސިޓީއަށް 2011 ވަނަ އަހަރު ދެވުނު ސިޓިއެއްގެ ދަރަޖަ ލިބިގެންދާނޭ. އޭރުން އައްޑޫސިޓީއަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުން އަންނަ ބެފުޅުންވެސް އައްޑޫސިޓީ ސިޓިއެއްގޮތަށް ބަލައިގަންނާނެ" އައްޑޫ ރައްޔިތަކު ބުންޏެވެ.
ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީގައި އައްޑޫ ސިޓީގައިވެސް ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދާކަން ފަހަގަކުރެވެއެވެ. މީގެ ތެރޭގައި އެ ސިޓީގެ އަވަށްތަކުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.