ކުޅިވަރު

ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގެ ޕަވަރޑް ސްޕޮންސަރަކަށް ދިރާގު


ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގެ ޕަވަރޑް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދުއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ބައިވެރިވުމަށްފަހު ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދިވެހިންގެ އެންމެ މަޤްބޫލް ކުޅިވަރު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ގެނެސްދިނުމަށް ޕީއެސްއެމްއިން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށެވެ.

" ދިވެހިންގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ މަޤްބޫލް ކުޅިވަރު ފުޓްބޯޅައަކީ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދިރާގުގެ ކަސްޓަމަރުންނަށް، ޕީއެސްއެމްގެ ކަސްޓަމަރުންނަށް، ދިވެހި ރައްޔިތުންނަށް ގެނެސްދެއްވުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް. އެފުރުޞަތު ދެއްވީތީ ޕީއެސްއެމްއަށް ޝުކުރު ދަންނަވަން " ދިރާގުގެ ސީއީއޯ ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ދިރާގާއި ޕީއެސްއެމްއަކީ އަބަދުވެސް ގުޅުން ބަދަހި، ގުޅިގެން މަސައްކަތް ކުރާ ދެ ކުންފުނި ކަމަށާއި، ދިރާގުން ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ބައިވެރުވުމުން އިތުރު ހިތްވަރެއް ލިބޭކަމަށެވެ. ޕީއެސްއެމްއިން ބޮޑު އެއްވެސް ކަމެއް ދިރާގާ ނުލާ ނުވަތަ ދިރާގުގެ ބައިވެރިވުން ނެތި ކުރި ހަނދާން ނުވާކަމަށް ޚަލީލް ވިދާޅުވިއެވެ.

" އަޅުގަނޑުގެ ހަނދާނަކަށް ނާދޭ ދިރާގުގެ ބައިވެރިވުމެއް ނެތި ޓީވީއެމްއިން މިހާރު ޕީއެސްއެމްއިން ބޮޑު އެއްވެސްކަމެއް ކުރިކަމެއް. އަޅުގަނޑުމެން ދެކުންފުނި ގިނަ ކަންތައްތަކުގައި އަބަދުވެސް ކުރިއަށްދަނީ ގުޅިގެން. ވަރލްޑްކަޕް ކަވަރޭޖްގައި ދިރާގު ބައިވެރިވުމަކީ ލިބޭ އިތުރު ހިތްވަރެއް. އެކަމަށްޓަކައި ޕީއެސްއެމްގެ ބޯޑާއި، މުވައްޒަފުންގެ ނަމުގައި ދިރާގަށް ޝުކުރު ދަންނަވަން " ޚަލީލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުއްލަތީފް ވިދާޅުވީ މިފަހަރުގެ ވަރލްޑްކަޕް ކަވަރޭޖް ވެގެންދާނީ ޕީއެސްއެމް ނުވަތަ ޓީވީއެމްއިން ގެނެސްދޭ އެންމެ ފުރިހަމަ ކަވަރޭޖަށްކަމަށެވެ. އެކަމުގައި ދިރާގުގެ ބައިވެރިވުން ލިބުމަކީ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

" މިފަހަރުގެ ކަވަރޭޖް ވެގެންދާނީ އެންމެ ފުރިހަމަ ކަވަރޭޖަށް. އެކަމަށް އަޅުގަނޑުމެން މިއަންނަނީ ފުރިހަމައަށް ތައްޔާރުވަމުން. ތަފާތު ބައިތަކެއް ކަވަރޭޖްގައި ހިމެނޭނެ. ޢާއްމުންގެ ބައިވެރިވުން އިތުރުކުރެވޭނެ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނާ ބައިވެރިވެގެން މިކަމުގައި ކުރިއަށް ދިއުން. އެފުރުޞަތު ވަނީ ހުޅުވާލެވިފަ " އިކްރާމް ވިދާޅުވިއެވެ.

ޕީއެސްއެމް ކަވަރޭޖް " 2018 ފީފާ ވަރލްޑް ކަޕް ރަޝިޔާ " މިހާރު ވަނީ ފަށާފައެވެ. ކޮންމެ ދުވަހަކުވެސް ދަނީ ވަރލްޑްކަޕްގެ މުޙިއްމު މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވާހަކަތައް ގެނެސްދެމުންނެވެ. ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ރާއްޖޭގެ އެންމެ ފުންނާބު އުސް ފުޓްބޯޅަ ކޯޗުންނާއި، ފުޓްބޯޅަ ޚަބަރުތައް ދިރާސާކުރައްވާ ފަރާތްތައް ބައިވެރިވާނެއެވެ.