ކުޅިވަރު

ރާއްޖޭގެ 12 އަހަރުން ދަށުގެ ދެ ކުދިން ފުޓްބޯޅަ ޕްރޮގްރާމެއްގައި ބައިވެރިވާން ރަޝިޔާއަށް


ކުޑަކުދިންނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް "ފުޓްބޯލް ފޯ ފްރެންޑްޝިޕް އިންޓަރނޭޝަނަލް ޗިލްޑްރެންޑް ޕްޖެކްޓު"ގައި ބައިވެރިވާ ދެ ކުދިން ހޮވައިފިއެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިއަކީ މުޙައްމަދު އުވެއިސްއެވެ. އަދި މުބާރާތުގައި ޒުވާން ނޫސްވެރިއެއްގެ ގޮތުން ބައިވެރިވާނީ އަހުމަދު ޒަހާން ނަޒީރުއެވެ.
ރަޝިޔާގެ މޮސްކޯގައި އަންނަ ޖޫން މަހު ބާއްވާ ފުޓްބޯޅަ ހަރަކާތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ދުއިސައްތަ ދިހަ ގައުމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ކޮންމެ ގައުމަކުންވެސް ބައިވެރިކުރަނީ 12 އަހަރުގެ އެންމެ ކުޅުންތެރިއެކެވެ. ކޮންމެ ޤައުމަކުން ބައިވެރިވާ ކުޅުންތެރިންނާއިއެކު 32 ޓީމްގެ ގުރުއަތުލުން މިހާރުވަނީ ބައްވާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އުވެއިސް އަދި ޒަހާންއަށް މި ލިބުނީ ރާއްޖޭގައި ފުޓްބޯޅައަށް އޮތް ލޯތްބާއި، ހުނަރު ދައްކާލަން ރަނުގެ ފުރުސަތެއްކަމަށެވެ. އަދި މި ހަރަކާތުގައި ދެ ކުދިންގެ ރަނގަޅު ތަޖުރިބާއެއް ހޯދާނެކަމަށް އުއްމީދުކުރާކަމަށާއި، އެ ތަޖުރިބާ ދިވެހި ކުދިންނާވެސް ހިއްސާކުރަން އެދޭކަމަށެވެ.

"ފުޓްބޯލް ފޯ ފްރެންޑްޝިޕް އިންޓަރނޭޝަނަލް ޗިލްޑްރެންޑް ޕްޖެކްޓް"ގައި ބައިވެރިވާ ހުރިހާ ކުދިންނަށް ފީފާ ވޯލްޑްކަޕް 2018ގެ ހުޅުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ފުރަތަމަ މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. މި ކުޅިވަރު ހަރަކާތަކީ ކުޅިވަރުގެ ރޫޚާއި، އަޚުލާޤާއި، އެކުވެރިކަންފަދަ މުހިންމު ބައިތައް ކުރިއަރެވުމަށް "ގަޒްޕްރޮމް"އިން 2013ވަނަ އަހަރު ފެށި ބައިނަލްއަޤަވާމީ ހަރަކާތެކެވެ.
ކޮންމެ އަހަރަކުވެސް މި ހަރަކާތް ފުޅާކޮށް ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނައިރު މިއަހަރަކީ މި ހަރަކާތުގައި އެންމެ ގިނަ ޤައުމުން ބައިވެރިވާ އަހަރުވެސްމެއެވެ. "ގަޒްޕްރޮމް"އަކީ ފީފާއާއި ފީފާ ވޯލްޑްކަޕް 2018ގެ އޮފިޝަލް ސްޕޮންސަރެއްކަންވެސް ފާހަގަކޮށްލެވެއެވެ.