ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލައިފި


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައިސް އޮފީހުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޚާއްސަ އިނާމަށް މިއަހަރު 4 ދާއިރާއަކުން ކުރިމަތިލެވޭކަމަށެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެތެރެއިން ޕީއެޗްޑީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ޙާސިލްކޮށްފައިވާ ފަރާތްތަކާއި މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކާއި ބައިނަލްއަޤުވާމީ ގޮތުން ބައިވެރިވެފައިވާ މުބާރާތްތަކުން އެއްވަނަ ހޯދާފައިވާ ފަރާތްތައް ނުވަތަ އެފެންވަރުގެ ޝަރަފު ޙާސިލްކޮށްފައިވާ ފަރާތްތަކާއި ރާއްޖެއަށް ދިމާވެފައިވާ މުހިއްމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް އުފައްދާ ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާސިލްކޮށްފައިވާ ފަރާތްތަކަށްވަނީ ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރައިސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަންހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މޭއި މަހުގެ އެއްތިރީސްވަނަ ދުވަސްކަމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން ބުނެއެވެ. މިއިނާމަށް ނަންހުށައޭޅުމަށް ދޫކުރަ ފޯމް ރަސްމީ ގަޑިތަކުގައި ރައިސުލްޖުމްހޫރިއްޔާގެ އޮފީން ލިބެންހުންނާނެއެވެ. މިއިނާމު ދެއްވާނީ މިއަހަރުގެ މިނިވަންދުވަހު ބާއްވާ ޚާއްސަ ޖަލްސާގައެވެ.