ސިޔާސީ

ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލް މަޖިލީހަށް ފޮނުއްވައިފި





 


ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.


 
ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން މިއަދު ފޮނުއްވި މި ބިލަކީ ދިވެހި ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފަންނަކީ އާންމުން އިތުބާރުކުރާ އަދި އާންމުން އިހްތިރާމް ލިބިގެންވާ ފަންނަކަށް ހެދުމަށްޓަކައި، ސިއްޙީ ޚިދުމަތުގެ ވަކިވަކި ފަންނުތަކުގައި މަސައްކަތްކުރެވޭނެ ޝަރުތުތައް ކަނޑައެޅުމާއި، ސިއްޙީ ޚިދުމަތުގެ ފަންނުގެ މަސައްކަތްތެރިންނާގުޅޭ ކަންކަން ބަލާން ކައުންސިލްތައް އުފައްދައި، އެ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމުގެ މަގްސަދުގައި ހުށައަޅާފައިވާ ބިލެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.


 
މީގެ އިތުރަށް ސިއްޙީ ޚިދުމަތުގެ މަސައްކަތްތެރިން، އެމީހުންގެ މަސައްކަތުގެ މާހައުލުގައި ތަބާވާންޖެހޭ މައިގަނޑު އުސޫލްތައް ކަނޑައެޅުމާއި، އެ މީހުންނާ ގުޅޭގޮތުން ހުށައެޅޭ ޝަކުވާތައް  ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ބަލައި ފިޔަވަޅުއެޅޭން އުސޫލްތައް  ކަނޑައެޅުންވެސް  މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.


 
 


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއިއެކު މި ބިލް ސަރުކާރުން މަޖިލީހުގެ ތަޅުމަށް ހުށައަޅާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.