ދުނިޔެ

ރަޝިޔާއާ ދެކޮޅަށް އަޅަން ގަސްދުކުރި ފިޔަވަޅުތައް އެމެރިކާއިން ފަސްކޮށްފި


އެމެރިކާގެ ސަރުކާރުން ރަޝިޔާއާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރު ލަސްކޮށްފައިވާ ކަމަށާއި އެމެރިކާއިން ދެން މި ފަދަ ފިޔަވަޅުތަކެއް އަޅާނީ ރަޝިޔާގެ ފަރާތުން އަނެއްކާވެސް ޖެއްސުންކުރުމުގެ ޢަމަލެއް ފެނިއްޖެ ހިނދެއްގައިކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ރަޝިޔާއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެހީވަމުންދާތީ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް، އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހޭލީ އާދިއްތަ ދުވަހު ވިދާޅުވިއެވެ.

އެހެންނަމަވެސް ނަން ހާމަކުރައްވަން ދެކޮޅު ހެއްދެވި އިސް އޮފިޝަލު ރޮއިޓަރސަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިފަދަ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސަރުކާރުން އަދި ނިންމާފައި ނުވާ ކަމަށާއި، މި ފަހަރު، ސަފީރުގެ ވާހަކަތަކުގައި ހަޤީޤަތެއް ނެތްކަމަށެވެ. އަދި ހުސްވި ހަފުތާގެ ހޮނިހިރު ދުވަހު ރަޝިޔާއިން ވާގިވެރިވެދޭ ސޫރިޔާއަށް ހުޅަނގުގެ ބާރުތަކުން ދިން ވަރުގަދަ ހަމަލާތަކަށްފަހު ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކުގައި ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އާއި އެމެރިކާގެ ރައީސްއާ ދެމެދު ކުރިއަށްގެންދަވާ މަޝްވަރާތަކަށް ބުރޫއަރަން ޓްރަމްޕް ބޭނުންފުޅުނުވާކަމަށްވެސް އެމެރިކާގެ އޮފިޝަލު ވިދާޅުވިއެވެ. އެމެރިކާގެ އޮފިޝަލު ވިދާޅުވީ، އެމެރިކާގެ ސަރުކާރުން މިކަމުގައި ސަމާލުކަމާއެކު ފިޔަވަޅުތައް ނާޅައިފިނަމަ ރަޝިޔާ އާއި އެމެރިކާއާ ދެމެދު އޮންނަ ނުތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށް އެމެރިކާގެ ސަރުކާރުން ޤަބޫލުކުރާކަމަށެވެ.