ދުނިޔެ

އޯ.ޕީ.ސީ.ޑަބްލިއު ގެ ޓީމަށް ދޫމާއަށް ވަދެ ތަޙުޤީޤުކުރާނެ ފުރުޞަތު ދޭނަން- ރަޝިޔާ


މިމަހުގެ ކުރީކޮޅު ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދިންކަމަށް ބުނާ ހަމަލާ އަމާޒުވި ސަރަހައްދަށް ބައިނަލްއަޤްވާމީ ތަހްޤީޤީ ޓީމުން ވަނުމުގެ ހުއްދަ ދޭނެކަމަށް ރަޝިޔާއިން ބުނެފިއެވެ. ހޮނިހިރު ދުވަހުއްސުރެ ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ ތަހްޤީޤީ ޓީމުން މިހާރު ވަނީ ސޫރިޔާގެ އިރުމަތީ ޣޫޠާގެ ދޫމާއަށް މިސްރާބު ޖަހާފައެވެ.

އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ދޫމާގައި ދިންކަމަށް ބުނާ ކެމިކަލް ހަމަލާގައި ސޫރިޔާގެ ޢާއްމުންގެ ފަސްދޮޅަހަށް ވުރެ ގިނަ މީހުން މަރުވިކަމަށް އެކްޓިވިސްޓް ޖަމާޢަތްތަކުން ބުނާއިރު ސޫރިޔާގެ ސަރުކާރާއި އެ ޤައުމަށް ވާގިވެރިވެދޭ ރަޝިޔާއިން ވަނީ މިކަން ދޮގުކޮށްފައެވެ. މި މައްސަލައިގައި، އެމެރިކާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ވަނީ ސޫރިޔާއާ ދެކޮޅަށް ހޮނިހިރު ދުވަހު ވަރުގަދަ ވައިގެ ހަމަލާތަކެއް ފޮނުވާލާފައެވެ.

މި ގޮތުން ސޫރިޔާގެ ތިން ތަނަކަށް އަމާޒުކޮށް ސަތޭކަ ފަސް މިސައިލް ފޮނުވާލާފައިވާ ކަމަށާއި ހަމަލާތައް އަމާޒުކުރި ސަރަޙައްދުތަކަކީ ސޫރިޔާގައި ކެމިކަލް ހަތިޔާރު އުފެއްދުމާ ގުޅުން ހުރި މަސައްކަތްތައް ކުރާ ސަރަޙައްދުތައް ކަމަށް ހުޅަނގުގެ ބާރުތަކުން ވަނީ ބުނެފައެވެ. ބައިނަލްއަޤުވާމީ ތަހްޤީޤުޓީމުގައި ހިމެނެނީ ކެމިކަލް ހަތިޔާރު ގެންގުޅުން މަނާކުރާ ބައިނަލްއަޤުވާމީ ޖަމާޢަތް އޯ.ޕީ.ސީ. ޑަބްލިއުގެ އޮފިޝަލުންނެވެ.

މި އޮފިޝަލުން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން ސަރަހައްދަށް ގޮސް، އެ ތަނުން ސާމްޕަލްތަކެއް ނަގައި، އެ ސަރަހައްދުގައި ސިއްޙީ ފަރުވާ ދޭން މަސައްކަތްކުރާ ފަރާތްތަކާ ސުވާލުކުރާނެކަމަށް ބެލެވެއެވެ.