ޚަބަރު

ހޮޓެލިއަރ ސަމިޓް: އަމާޒަކީ 2 މިލިއަން ޓުއަރިސްޓުން ގެންނަން މަސައްކަތްކުރުން


ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ތެރެއިން ކުރިޔަށްގެންދަން ރާވަފައިވާ ހޮޓެލިއަރ ސަމިޓްގައި އެންމެ އިސްކަމެއް ދޭނީ ސަރުކާރުން ކަނޑައަޅާފައިވާ 2 މިލިއަން ޓުއަރިސްޓުން ރާއްޖެ ގެނައުމުގެ ލަނޑުދަޑި ޙާސިލްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުންކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެފިއެވެ.

2 ވަނަ ޓީޓީއެމް ފެއަރ ، މިއަހަރު ބާއްވާއިރު، މިފަހަރުގެ ފެއަރގެ ތެރެއިން ރާއްޖޭގައި ބާއްވާ ފުރަތަމަ ސަޕްލަޔަރުންނަށް ޚާއްސަ އެކްސްޕޯވެސް ކުރިޔަށްދާނެއެވެ. މިމަހުގެ 30 އިން މޭމަހުގެ 3އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 2ވަނަ ޓްރެވަލް ޓުރޭޑު މޯލްޑިވްސް، ޓީޓީއެމް ފެއަރގެ ތެރެއިން ގިނަ އިވެންޓުތަކެއް ކުރިޔަށް ގެންދާނެކަމަށް މިކަން އިންތިޒާމްކުރާ ޕީއާރު ކުންފުނި، މޯލްޑިވްސް ގެޓަވޭޒްއިން ވަނީ އިޢުލާންކޮށްފައެވެ.

ޓީޓީއެމްއަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާބެހޭ ގޮތުން ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓަވޭޒްގެ ޗީފް އޮޕަރޭޓިން އޮފިސަރ ފްރާތު މުޙައްމަދު ބުނީ ޓީޓީއެމްގެ މައިގަނޑު ކޮންޕޯނެންޓެއްކަމަށްވާ ހޮޓެލިއަ ސަމިޓުގެ ތެރެއިން ރާއްޖެއާ ރާއްޖޭން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައް ކުރިޔަށް ގެންދާނެކަމަށެވެ. އަދި މިޑިސްކަޝަންތައް އަމާޒުކުރާނީ ސަރުކާރުގެ 2 މިލިއަން ޓުއަރިސްޓުން ރާއްޖެ ގެނައުމުގެ ލަނޑުދަޑި ހާސިލްކުރެވޭނެ ގޮތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމާ އެހެނިހެން މުހިންމު މަޝްވަރާތައް ކުރުމަށްކަމަށެވެ.

ފުރާތު ބުނީ މިއަހަރުގެ ޓީޓީއެމް ތެރެއިން އަލަށް ފެންނާނެ ކޮންޕޯނެންޓު، މޯލްޑިވްސް ސަޕްލަޔަރ އެކްސްޕޯ ކުރިޔަށް ގެންދާއިރު މިއެކްޕޯގައި ރާއްޖެއާއި ބޭރުގެ 30 ސަޕްލަޔަރުން ބައިވެރިވަނެކަމަށެވެ.
ސަޕްލައިޔަރ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން މީޓިން ބުކްކޮށް އެހެނިހެން މުޢާމަލާތްތައް ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ޚާއްސަ އެޕެއް ތައްޔާރުކޮށްފައިވާކަމަށްވެސް އޭނާ ބުންޏެވެ. މިއިވެންޓުގެ ތެރެއިން ސަޕްލަޔަރުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ގައިޑެއްވެސް ނެރޭނެކަމަށް އޭނާ ފާހަގަކުރިއްވިއެވެ.

ޓީޓީއެމްގެ ތެރެއިން މައިގަނޑު ފަސްކަމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ހޮޓެލިއަރ ސަމިޓް ކުރިޔަށްދާނީ 30 އޭޕްރިލްގައި ބަނޑޮސް މޯލްޑިވްސްގައެވެ. ޓީޓީއެމްގެ ގާލާ ނައިޓް އޮންނާނީ އަދާރަން ހުދުރަންފުށި ރިޒޯޓުގައި މޭމަހުގެ 2ވަނަދުވަހުގެ ރެއެވެ. އަލަށް ތަޢާރަފްކުރާ ސަޕްލަޔަރ އެކްސްޕޯ ކުރިޔަށްދާނީ ދަރުބާރުގޭގައި މޭމަހުގެ 2އިން 3އަށެވެ.

ޓީޓީއެމްގެ ތެރެއިން ޢާންމުންނަށް ހުޅުވާލާ ހަމައެކަނި އިވެންޓު ކެރިއަރ އެކްސްޕޯގައި ކުރިޔަށްދާނީ މެއިމަހުގެ 3 ވަނަދުވަހު ދަރުބާރުގޭގައެވެ.