ކުޅިވަރު

މެސީގެ ފިޓްނަސްއާ މެދު އާޖެންޓީނާ ކަންބޮޑުވާންވީ ސަބަބެއްނެތް: ބާސެލޯނާ


ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ލަޔޮނަލް މެސީގެ ފިޓްނަސްއާ މެދު އޭނާގެ ގައުމު އާޖެންޓީނާއިން ކަންބޮޑުނުވުމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ގޮވާލައިފި އެވެ.

އޭނާ މިހެން ބުނީ އާޖެންޓީނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުކުޅެހުރި، އެ ގައުމުގެ ކެޕްޓަން ބާސެލޯނާ އަށް އޭގެ ފަހުން ޖެހިޖެހިގެން ފަސް މެޗު ކުޅެފައިވާތީ އެވެ.

"ވޯލްޑް ކަޕަށް އަދި ވަރަށް ދުވަސް އެބައޮތް. އެމީހުން ކަންބޮޑުވާންވީ ސަބަބެއްނެތް. މެސީ އަށް އަރާމުކުރަން އަހަރުމެން ދިނުމުގެ ފުރުސަތު އެބައޮތް. އޭނާ ހުރީ ރަނގަޅު ހާލަތެއްގައި. މިއަށްވުރެ ތަފްސީލުކޮށް އަހަރެން ބުނާނެ އެއްޗެއްނެތް،" ކޯޗު ވަލްވާޑޭ ބުންޏެވެ.

މެސީގެ ފޯމު މި ފަހަކަށް އައިސް ރަނގަޅެއްނޫނެވެ. ބާސެލޯނާ ކުޅުނު މެޗު ތަކުގައި ކުޅުނަސް ޗެމްޕިއަންސް ލީގުން ޓީމު ކެޓީ ވެސް އޭނާ އަށް ގޯލެއް ނުޖެހި އެވެ.
ނަމަވެސް ބާސެލޯނާގެ ކޯޗު ބުނީ ޖޫން މަހު އޮންނަ ވޯލްޑް ކަޕަށް މެސީ ހުންނާނީ ވަރަށް ފިޓްކޮށްކަމާމެދު އޭނާގެ ހިތުގައި އެއްވެސް ޝަައްކެތްނެތް ކަމަށެވެ. މިހެންވެ އާޖެންޓީނާއިން ހަމަޖެހިގެން ތިބެންވީ ކަމަށެވެ.