ކުޅިވަރު

ވެލެންސިޔާ ބަލިކޮށް، ވިކްޓްރީ ރަނގަޅު ހިސާބަކަށް ޖެހިލައިފި


ވެލެންސިޔާ ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން މޮޅުވެ، އެސްޓީއޯ މާލޭ ލީގުގެ ރަނގަޅު ހިސާބަކަށް ވިކްޓްރީ ޖެހިލައިފިއެވެ.

2-1 ން ވެލެންސިޔާގެ މައްޗަށް ވިކްޓްރީ ކުރި ހޯދި މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ވިކްޓްރީން ފުރުޞަތު ތަނަވަސްކުރަމުން ދަނިކޮށް ކައުންޓަރ އެޓޭކެއްގައި ލަނޑު ޖަހާ ކުރި ހޯދީ ވެލެންސިޔާއިންނެވެ. 34 ވަނަ މިނިޓްގައި ވެލެންސިޔާގެ ލަނޑު ޑްރައިގަރ ސާރގިލް ޖެހީ ކީޕަރު މުޙައްމަދު އިމްރާނަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެ، ގިނަ ވަގުތު ބޯޅަ ހިފަހެއްޓި ވިކްޓްރީއަށް ދެވަނަ ހާފްގައި ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިޔާ ސިމޯންއެވެ. ލަނޑު ޖަހަން އޭނާއަށް މަގުފަހިކޮށްދިނީ އެންޖެލް މުނޯޒްއެވެ. އެންޖެލް މްނޯޒްއަށް ޕެނަލްޓީއޭރިޔާ ތެރެއިން ކުރި ފައިލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ވިކްޓްރީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޕެޑްރޯއެވެ. އޭނާ ވަނީ މުޅި މެޗުގައިވެސް މޮޅަށް ކުޅެފައެވެ.

މިމޮޅާއެކު ތާވަލްގައި ވިކްޓްރީ ފަސްވަނަ މަޤާމްގައި އޮތް ނަމަވެސް އެއްވަނާގައި އޮތް ނިއުއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަޤެކެވެ. އަދި ދެވަނާގައި އޮތް އީގަލްސްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަޤެކެވެ. ތިންވަނައާއި ހަތަރުވަނާގައި އޮތް ދެޓީމާ ދެމެޗުވެސް އޮތީ ޕޮއިންޓެއްގެ ފަރަޤެކެވެ. މިބައްޔާއެކު ވެލެންސިޔާ އޮތީ ޕޮއިންޓަކާއެކު ފުލުގައެވެ.

މެޗަށްފަހު ވިކްޓްރީގެ ކޯޗު ލާސްލޯ ކިސްބުނީ އޭނާގެ ޓީމް މޮޅަށް ކުޅުނު ކަމަށާއި، ހުރިހާ ގޮތަކުންވެސް އޭނާ ހުރީ ހިތްހަމަޖެހިފައިކަމަށެވެ.

" ކުޅުންތެރިން މޮޅަށް ކުޅުނު، ޚާއްޞަކޮށް ފަހު ތިރީސް މިނިޓް. މިއީ ވަރަށް މުޙިއްމު މޮޅެއް." ކިސް ބުންޏެވެ.

ވެލެންސިޔާގެ ކޯޗު ޞޮބާހު މުޙައްމަދު ބުނީ ކުޅުންތެރިން ހިތްވަރާއި، މަސައްކަތް ކުރި ނަމަވެސް ބޭނުންވި ނަތީޖާ ނުނިކުންކަމަށެވެ. އަދި އޭނާ ހަވާލުވީ ޕްރެޝަރާ ކުރިމަތިލާންކަމަށެވެ.

" ކުޅުންތެރިން މަސައްކަތްކުރިތަން ފެނިއްޖެ. އެކަމާ ހިތްހަމެޖެހޭ. އެކަމަކު ބޭނުންވި ނަތީޖާއެއް ނުނިކުއިން. " ޞޮބާ ބުންޏެވެ.