ޚަބަރު

މުނިފޫހި ފިލުވުމާއި ފިލްމު އުފެއްދުމުގެ މަސައްކަތް ތަރައްޤީކުރުމަށް ސަރުކާރުން ލުއި ލޯނު ދޫކުރަނީ


މުނިފޫހިފިލުވުމާއި ދިވެހި ފިލްމު އުފެއްދުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ތަރައްޤީކުރުމަށް ސަރުކާރުން ލުއި ލޯނު ދޫކުރާނެކަމުގެ ޔަޤީންކަން، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ދީފިއެވެ. މިކަމުގެ ޔަޤީންކަން އެކޮނޮމިކް މިނިސްޓްރީން ދިނީ، އެ މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ އާ ދެމެދު މިއަދު ބޭއްވި ބައްދަލުވުމެއްގައި ކުރެވުނު މަޝްވަރާތަކުގައެވެ.
މި މަޝްވަރާތަކުގައި ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބަލައިގަންނަ ފެންވަރަށް ދިވެހި ފިލްމާއި، ރާއްޖޭގެ ފަތުރުވެރިކަން ދައްކައިދޭ ޑޮކިއުމެންޓްރީއާއި، ޤައުމަށް މުހިންމު ކޮންޓެންޓް އުފެއްދުމަށް ދިވެހި ފަންނާނުންނަށް ފުރުޞަތު ފަހިކޮށްދީ، އެކަމަށް ހިއްވަރުދިނުމުގެ މަސައްކަތް، ޕީއެސްއެމްއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން މިދާއިރާއިން ވިޔަފާރިކުރާ ފަރާތްތަކަށާއި އަލަށް މިވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަކީވެސް މިފަދަ ލުއި ލޯނުތައް ހޯދައިދިނުމުގެ އެއް ބޭނުންކަމަށް ޕީ.އެސްއެމުން ބުނެއެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދެވުމަށްޓަކައި އެކޮނޮމިކް މިނިސްޓްރީއާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމެއް އެކަށައެޅުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. މި ކަމާއިގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެވުމާއެކު، ފިލްމު އިންޑަސްޓްރީއަށް ލުއިލޯނު ދޫކުރުމާއި ފަންނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ފެށުމަށް ކަނޑައެޅައި، މިކަމުގެ ތަފްޞީލުތައް ވަރަށް އަވަހަށް އިޢުލާންކުރުމަށްވެސް ޕީ.އެސް.އެމުން ބުނެއެވެ.

ދިވެހިން ފަންނާނުންނަށާއި ފިމްލު ޕްރޮޑިއުސަރުންނަށާއި ޒުވާނުންނަށް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމުގެ މަގު ފަހިކޮށްދެއްވުމަށްޓަކައި އޮލިމްޕަސް ސިނަމާ ހިންގުން ޕީއެސްއެމްއާ މިމަހު ޙަވާލުކުރެއްވުމާ ގުޅިގެން ޕީއެސްއެމުން އަންނަނީ އެ ސިނަމާ ރަނގަޅު ފެންވަރަކަށް ގެނައުމާއި އެތާނގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި ފަށައިފައިވާ މަސައްކަތުގެ ދަށުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި ކުންފުނީގެ ވެރިން، ވަނީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގައި ފިލްމު އިންޑަސްޓްރީގެ ފަރާތްތަކުން އެންމެބޮޑަށް ބާރުއެޅި އެއް ކަމަކީވެސް ފިލްމު އުފެއްދުމަށާއި އެ މަސައްކަތް ތަރައްޤީކުރުމަށް މާލީ ފަހިކަން ލިބޭނެގޮތެއް ތަނަވަސްކުރުންކަން ޕީ.އެސް.އެމުން ފާހަގަކުރެއެވެ.
ޕީއެސްއެމްއާ އޮލިމްޕަސް ހިންގުން ޙަވާލުކުރެއްވުމާ ގުޅިގެން އެ ސިނަމާގައި ފިލްމުދެއްވުމާއި ޝޯވްތައް ބޭއްވުމުގެ އަގު ވަނީ %50 އަށް އަގުހެޔޮކޮށްފައެވެ.