ޚަބަރު

200 މީހުން ރަޖިސްޓްރީކުރާ ޤައުމުތަކުގައި ވޯޓްފޮށި ބަހައްޓަން ނިންމައިފި


200 މީހުން ރަޖިސްޓްރީކޮށްފިނަމަ ބޭރު ޤައުމުތަކުގައި ރިޔާސީ އިންތިޚާބުގެ ވޯޓްފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައާއި، ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައާއި، ޖަލުތަކުގައި ވޯޓްފޮށި ބަހައްޓާ ތަންތަނުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފާސްކޮށްފައެވެ.

މިއުސޫލުގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ރިޔާސީ އިންތިޚާބުގެ ވޯޓް ފޮށި ބަހައްޓާނީ އެ ޤައުމެއްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 200 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާނަމަވެ.

މީގެއިތުރުން ވޯޓް ފޮށި ބަހައްޓާ ޤައުމަކީ ދިވެހި އެމްބަސީއެއް ހުރި ޤައުމަކަށް ވާންޖެހޭނަކަމަށްވެސް މިއުސޫލުގައިވެއެވެ. އެމްބަސީއެއް ނެތް ޤައުމެއްނަމަ، އިލެކްޝަންސް ކޮމިޝަނުން ބޭނުންވާގޮތަށް ވޯޓްފޮށި ބެހެއްޓޭނެ އިންތިޒާމް އެޤައުމަކުން ހަމަޖައްސައިދޭނަމަ އެޤައުމެއްގައި ވޯޓްފޮށި ބެހެއްޓުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް މި އުސޫލުގައިވެއެވެ.

ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 100 މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުންކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. އަދި އިންތިޚާބުގެ ކަންކަމަށް އިލެކްޝަނުން ފޮނުވާ އޮފިޝަލުން ހުރުމުގެ އިންތިޒާމާއި، ވޯޓްފޮށި ބަހައްޓާ ތަނަކާއި އެކަމަށް ބޭނުންވާ ވަސީލަތްތައް އެ ރިސޯޓަކުން ހަމަޖައްސައިދޭން ޖެހޭނެކަމަށްވެސް މިއުސޫލުގައިވެއެވެ. އަދި ޖަލުތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވޯޓް ފޮށި ބެހެއްޓުމާއި، އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި އުސޫލުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އެގޮތުން އަންނަމަހު އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓް ޢާންމުކުރާނެކަމަށް އެކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. މިއާއެކު އިންތިޚާބު ބާއްވާ ތާރީޚް ކަށަވަރު ވެގެންދާނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.