ޚަބަރު

ޢަރަބިލީގާއި ގުޅުމަށް ރާއްޖެއަށް ދައުވަތުދީފި


ދިވެހިރާއްޖެ ޢަރަބި ލީގާ ގުޅުމަށް، އަރަބި ލީގުގެ ޤައުމުތަކުން ދައުވަތު ދެމުންދާކަމަށް ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ޢަރަބި އިސްލާމީ ޤައުމުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާރިޖީ ސިޔާސަތުގެ ދަށުން ބާއްވަމުން ގެންދާ ގާތް ގުޅުމުގެ ސަބަބުން، އަރަބި ޤައުމުތަށް ހިމެނޭ ޢަރަބި ލީގާ ގުޅުމަށް އެޤައުމުތަކުން ރާއްޖެއަށް ދައުވަތު ދީފައިވާކަމަށެވެ. މިއީ ޢަރަބި އިސްލާމީ ޤައުމުތަކާ ރާއްޖެއިން ބާއްވަމުންދާ ގާތް ގުޅުން އެޤައުމުތަކުން ވަރަށް މަތީ ދަރަޖައިގައި ބަލައިގަންނަކަން ހާމަވާކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ.

"
"އެބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ބައިވެރިވުމާ، ރަޙްމަތްތެރިކަމާ، އެއްބާރުލުން ބަލައިގަނެވޭ މިންވަރަކީ، އެބޭފުޅުން އަމިއްލައަށް އަޅުގަނޑުމެންނަށް އެބައޮތް ޚިޔާލެއްގެ ގޮތަށް ހުށައަޅުއްވާފަ، އަރަބި ލީގުގެ ޤައުމަކަށް ރާއްޖެވާން."
މުޙައްމަދު ޙުސެއިން ޝަރީފް

މީގެ ކުރިން ރާއްޖެއަށް މިފަދަ ހުށައެޅުންތަކެއް އައިސްފައި ނުވާއިރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި މިފަދަ ހުށައެޅުންތަކެއް އައުމަކީ ރައީސް ޔާމީންގެ ފޮރިން ޕޮލިސީގެ ކާމިޔާބުކަން ހާމަކޮށްދޭ ކަމެއްކަމަށް ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން ބަދަހިކުރަމުންދަނީ، ޤައުމުތަކާ ގުޅިގެން ދިވެހިރައްޔިތުނަށް ފައިދާހުރި ކަންތައްތަކެއް ޙާސިލް ކޮށްދިނުމަށްކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ޤައުމުތަކާއެކު ޤާއިމުވެފައިއޮތް ގުޅުންތަކުގެ ފުރިހަމަ ބޭނުންކުރަން ކުރީގެ ސަރުކާރުތަކަށް އެނގިފައި ނުވާކަމަށެވެ.

ލީގް އޮފް އަރަބް ސްޓޭޓްސް އަކީ ޢަރަބި 22 ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.