ޚަބަރު

ކުރިއަރާފައިވާ ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަނީ ސަރަޙައްދީ ޖަމިއްޔާތަކުގެ ދުވެލި މަޑުވުމުން - މުންދު


އިޤްތިސާދީ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ގުޅުން ބަދަހިކޮށް ޤައުމު ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސަރަޙައްދީ ޖަމިއްޔާތަކުގެ ދުވެލި ރާއްޖެއާއި އެއްހަމައެއްގައި ކުރިއަށް ނުދާތީކަމަށް ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އިން ގެނެސްދޭ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސަފީރު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ޗައިނާއާއި މެދުއިރުމަތީގެ އަރަބި ޤައުމުތަށް، ޚާއްޞަކޮށް ސަޢުދީއަރަބިއްޔާއާއެކު ސަރުކާރުން ޚާއްޞަ ގުޅުންތަކެއް ޤާއިމްކޮށް އެޤައުމުތަކާއި ގުޅިގެން ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންއަންނަކަމަށެވެ. މީގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ސަރަޙައްދީ ޤައުމުތަކާއި އަދި އެނޫން ޤައުމުތަކާއެކުވެސް ރަޙްމަތްތެރި ގުޅުންތައް ދެމެހެއްޓުމަކީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށާއި، ރާއްޖެއާއި އެއް ވިސްނުމެއްގައި އެއް އަމާޒެއްގައި މަސައްކަތްކުރާ ޤައުމުތަކާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރުމަށް އަބަދުވެސް ރާއްޖެއިން ބޭނުންވާކަމަށެވެ.

ސަފީރު ވިދާޅުވީ، ދުނިޔެއަށް އަންނަ ބަދަލާއެކު ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުވެސް ބަދަލުވާންޖެހޭކަމަށާއި، ކުރިން ރާއްޖެ ބައިވެރިވާ ވަކިފަރާތަކަށް ނުޖެހޭ ޖަމިއްޔާތަކާއި ސަރަޙައްދީ ޖަމިއްޔާތަކާއެކު ތަރައްޤީގެ ރޮނގުން ރާއްޖެ ޙާސިލްކުރަން ބޭނުންވާ އަމާޒުތަކަށް އެންމެ އެކަށީގެންވާ މިންވަރަށް ވާސިލުވުމަށް ދަތިތަކެއް އެބަހުރިކަމަށެވެ.

"އަޅުގަނޑުމެންގެ ސަރަޙައްދީ ޖަމިއްޔާ މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވާ އަމާޒްތަކެއް، ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ފުއްދަން ދަތިވަންޏާ ނުވަތަ އެޖަމިއްޔާގެ ދުވެލި އަޅުގަނޑުމެންގެ ދުވެއްޔަށްވުރެން މަޑިއްޔާ، އަޅުގަނޑުމެން އެހެން ދިމަ ދިމާ ހާވާ ހޯދާ ބަލައި އެހެން ބަޔަކާއި ގުޅުން ބަދަހިކޮށްގެންވެސް ސަރުކާރުގެ އަމާޒަކީ ޚާރިޖީ ގުޅުންތަކުގެ ތެރެއިން ޤައުމުގެ ތަރައްޤީ މިހާރު މިއޮތް ހަރުފަތުން އައު ހަރުފަތަކަށް ގެންދިއުން. އެކަން މި ރައީސް ސާބިތުކަމާއެކު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އެގެންދަވަނީ. އޭގެ ތެރެއިން އަރަބި އިސްލާމީ ޤައުމުތަކަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ޤައުމުތަކެއް" މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވިއެވެ.

އިސްލާމީ ޤައުމުތަކާއި ގުޅިގެން ރާއްޖޭއިން ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުން ނައްތާލުމަށާއި، އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތައް ނެގެހެއްޓުމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކޮށް އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން އެރުވި އެވޯޑަކީވެސް ސަރުކާރުން ޤައުމުތަކާއި ގުޅިގެން ކުރާ މަސައްކަތް ފާހަގަވެގެންދާކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖެއާއި އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން ހީނަރުކުރުމަށް ބައެއް ސިޔާސީ ލީޑަރުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނަވައިގެން ޚާރިޖީ ގުޅުން ކުރިއެރުވުމުގައިވެސް މަސައްކަތްކުރައްވާފައިވާ މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުން، ބޭނުންވާ ވަކި މަގުސަދެއް ހާސިލުކުރުމަށް އެކި ޤައުމުތަކަށްގޮސް އެވަގުތަކު ބޭނުންވާ ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ރައީސް ނަޝީދު ފަދަ ލީޑަރުން ބޭރުގެ ޤައުމުތަކަށްގޮސް ޤައުމާއިމެދު ވިސްނާލުމެއް ނެތި ކުރާކަންކަމުން ގެއްލުންވަނީ ދިވެހި ޤައުމާއި ރައްޔިތުންނަށްކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ރައީސް މައުމޫނާއި ރައީސް ނަޝީދަކީ އަމިއްލަ އެދުން ބޮޑު، ޒާތީ ތައައްސުބުން ފުރިފައިވާ ދެބޭފުޅުންގެ ގޮތުގައި ސަފީރު ވަނީ ސިފަކުރައްވާ އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުފައެވެ.