ކުޅިވަރު

ޓޮރޭޒް ލަލީގާގައި 100 ވަނަ ލަނޑު، އެތްލެޓިކޯ މޮޅު


ފެނާންޑޯ ޓޮރޭޒް ލަލީގާގައި ސަތޭކަވަނަ ގޯލް ޖެހި މެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.

ލަލީގައި ރޭ ލެވާންތޭއާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗު އެތްލެޓިކޯ ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި އެތްލެޓިކޯގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެންޖެލް ކޮރިއާއެވެ. ދެވަނަ ލަނޑު ގްރިޒްމަން ޖަހައިދިންއިރު، ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެނާންޑޯ ޓޮރޭޒްއެވެ. މިއީ މި ސީޒަނަށްފަހު އެތްލެޓިކޯ ދޫކޮށްލަން ނިންމާފައިވާ ޓޮރޭޒް ލަލީގާގައި ޖެހި 100 ވަނަ ލަނޑެވެ.

ރޭގެ މޮޅާއިއެކު އެޓީމްވަނީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 10 މެޗުވެސް ކާމިޔާބުކޮށްފައެވެ. އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ މެޗަށްފަހު ބުނީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް މެޗު ކުރިއަށް އޮތުމާއިއެކު އަމިއްލަ ދަނޑުގައި ހޯދާ ކޮންމެ މޮޅަކީ ލިބޭ ބޮޑު ހިތްހަމަޖެހުމަކާއި އިތުބާރެއްކަމަށެވެ.