ކުޅިވަރު

މެންޔޫ ބަލިވެ، ސިޓީއަށް ޕްރިމިއަރ ލީގު ކަށަވަރުވެއްޖެ


ލީގު ތާވަލްގެ ފުލުގައި އޮތް ވެސްޓްބްރޮމް އަތުން ޔުނައިޓެޑު ބަލިވުމުން ސިޓީއަށް ޕްރިމިއަރ ލީގު ލިބިއްޖެއެވެ.

16 ޕޮއިންޓްގެ ލީޑަކާއިއެކު ލީގުގެ އެއްވަނައިގައި އޮތް ސިޓީ ޕްރިމިއަރ ލީގު ޔަޤީންކުރީ ބާކީ ފަސް މެޗު އޮއްވައެވެ. ލީގުގެ ދެވަނައިގައި އޮތް ޔުނައިޓެޑް ރޭ ވެސްޓްބްރޮމް އަތުން ބަލިވީ ޖޭ ރޮޑްރިގޭޒް ޖަހައިދިން ގޯލުންނެވެ.
ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ޚޯސޭ މޮރީނިއޯ ބުނީ ސިޓީ ބަލިކުރުމަށްފަހު މި މެޗާއި ކުރިމަތިލީ މޮޅުވުމުގެ ވަރަށް ބޮޑު އުއްމީދެއްގައިކަމަށެވެ. އެކަމަކު މި މެޗުގައި ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވި ސްޓައިލުގެ ކުޅުމެއް ނުފެނުނުކަމަށެވެ. އޭނާ ބުނީ މޮޅު ފުޓްބޯޅައަކީ މޮޅު ޗަރުކޭސް ދައްކައި އާޓުދެއްކުން ނޫންކަމަށެވެ. އެންމެ އާދައިގެ ޕާސް ޖަހައިގެން ކުރިއަށް ޖެހިގެން ކުޅުނަސް އެވެސްވާނީ ސްޓައިލިޝް ފުޓްބޯޅައަށްކަމަށާއި، މި މެޗު ކުޅުންތެރިން މާބޮޑަށް ފަސޭހަކޮށްލީކަމަށް މޮރީނިއޯ ފާހަގަކުރިއެވެ.

ރޭ ޔުނައިޓެޑު ބަލިވެ ސިޓީއަށް ލީގު ޔަޤީންވިއިރު، މިއީ މިދިޔަ ހަތް ސީޒަންގައި ސިޓީ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެޓީމް ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.