ކުޅިވަރު

ލޯތްބާއެކު ވެލެންސިއާއާ ދެކޮޅަށް ކިސް!


މިރޭ ވެލެންސިޔާ ދެކޮޅަށް ނުކުންނައިރު އޭނާ ހަނދާނަށް އައްނަނީ މީގެ ތޭރަ އަހަރު ކުރިން ކަޕްވިނާސްކަޕު ފައިނަލުގައި ވިކްޓަރީ މައްޗަށް ވެލެންސިޔާ ހޯދި ކާމިޔާބީގެ މަތިންކަމަށް ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގައި މިރޭ ވެލެންސިޔާއާ ވިކްޓަރީ ވާދަކުރާ މެޗުގެ ކުރިން ވާހަކަދައްކަމުން ކިސް ބުނީ މިދެޓީމުގެ ކުރިމަތިލުމަކީ އަބަދުވެސް ވާދަވެރި ކުރިމަތިލުންތަކެއް ކަމަށާއި، މި ދެޓީމު ވާދަކުރާނަމަ އެއީ އަބަދުވެސް ދިވެހި ފުޓްބޯޅަ ބޮޑު މެޗެއްކަމަށެވެ. އެގޮތުން މިރޭގެ މެޗަކީވެސް ބޮޑު މެޗެއްކަމަށާއި، އެހެންނަމަވެސް ކުރިން ދަނޑުގައި ސަޕޯޓަރުން ނަގާފޯރި މިހާރު ނުފެންނާތީ އޭނާ ހިތާމަކުރާކަމަށެވެ. ކިސް ބުނީ އޭނާގެ ކުރީގެ ކުލަބް ވެލެންސިޔާގައި އޭނާ ހޭދަކުރި ދުވަސްތައް ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި، އޭނާގެ ހިތުގައި ވެލެންސިއާ އަށް އޮތީ ހާއްސަ ގަދަރެއް ކަމަށެވެ.
ކިސް ބުނީ ވެލެންސިޔާ އަކީ މިހާރު ވެސް ލީގުގައި ރަނގަޅަށް ކުޅެމުން އަންނަ ޓީމެއް ކަމަށާއި އެޓީމަށް މެޗުތަކުގައި ނަތީޖާ ނުނެރެވެނީ ނަސީބުވެސް އެހީނުވާތީކަމަށެވެ. މެޗާ ކުރިމަތިލާއިރު އަނިޔާގެ މައްސަލަތަކާ އެހެން ސަބަބުތަކާ ހުރެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނަށް ނުކުޅެވުމަކީ އޭނާއަށް އޮތް ކަންބޮޑުވުމެއް ކަމަށް ކިސް ބުންޏެވެ. އޭގެ ބަދަލުގައި ޒުވާން ދެކުޅުންތެރިންނާއެކު އޭނާގެ އަމާޒަކީ ވެލެންސިޔާގެ މައްޗަށް ކުރިހޯދުން ކަމަށް ކިސް ބުންޏެވެ.

" ޓީމުގެ އިންޖަރީގެ މައްސަލަތައް ގިނަ، އަހަންނަށް ހީވަނީ އަހަރުމެންނަށް ކާމިޔާބު ވާނެހެން، އަހަރެން ބެލިން ވެލެންސިޔާ ލީގުގައި ކުޅުނު ފަސްމެޗު ، ވެލެންސިޔާ ބަލިވީ ނަސީބުވެސް އެހީނުވުމުން." މެޗުގެ ކުރިން ކިސް ބުންޏެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗު ސޮބާހު މުހަންމަދު ބުނީ ލިބުނު ބްރޭކާއެކު ޓީމު ވަރަށް ބޮޑަށް ހަމަޔަކަށް އެޅިއްޖެކަމަށާއި، ޓީމްގެ ފިޓްނަސް ވަރަށް ބޮޑަށް ރަނގަޅު ކުރިވެފާވާކަމަށެވެ. އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގައި އޮތް ވެލެންސިއާގެ ކޯޗު ސޮބާ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން މެޗުން މޮޅުވާނެ ކަމަށް އަމިއްލަ ނަފްސަށް ޤަބޫލުކުރަން ޖެހޭ ކަމަށާއި ވިކްޓަރީ މެޗަކީ ވެލެންސިޔާ މޮޅުވާން މަޖުބޫރު މެޗެއްކަމަށެވެ. މި މެޗުން ބަލިވެއްޖެނަމަ ވެލެންސިއާ އާއި ވިކްޓަރީގެ ތަފާތު 8 ޕޮއިންޓަށް ފުޅާވާނެއެވެ. ސޮބާ ބުނީ އޭނާގެ ސްކޮޑުގައި އެކިފެންވަރުގެ ކުޅުންތެރިން ހިމެނޭތީ އެއުނދުގޫ އަދިވެސް މެޗުތަކުގައި ދިމާވާކަމަށާއި، އެކަން ހައްލުކުރަމަށް މަސައްކަތް ކުރާނެކަމަށެވެ.

" ލިބުނު ބްރޭކްގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް ތައްޔާރުވެފަ މިއޮތީ. ވިކްޓަރީ އަތުން ޕޮއިންޓެއް ހޯދާކަށް ނޫން މިކުނުކުންނަނީ ވެލެންސިޔާ ނުކުންނީ މޮޅަކަށް. " ސޮބާ ބުންޏެވެ.

މެޗާ ކުރިމަތިލާއިރު ފަސް މެޗުން ހަޕޮއިންޓް ހޯދައިގެން ވިކްޓަރީ އޮތީ ފަސް ވަނާގައެވެ. އެއްވަނާގައިވާ އީގަލްސް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.