ޚަބަރު

ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމުގައި މެދުމިނުގެ ފިކުރު ފުޅާކުރުމާއި ބެހޭގޮތުން ބޭއްވި ސެމިނަރ ނިމިއްޖެ

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމާއި ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމުގައި މެދުމިނުގެ ފިކުރު ފުޅާކުރުމާއި ބެހޭގޮތުން ބޭއްވި މަތީ ފެންވަރުގެ ސެމިނަރ ނިމިއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި ސެމިނަރ އަކީ އިސްލާމިކް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޖޯޑަންގެ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ ސެމިނަރ އެކެވެ.

އިސްލާމްދީނުގެ ސައްޙަ މައުލޫމާތު ދިވެހިރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި "ހައިލެވެލް ސެމިނަރ އޮން ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރ ޓެރަރިޒަމް"ގެ ނަމުގައި، ބޭއްވި ބައިނަލްއަޤްވާމީ ޚާއްޞަ ސެމިނަރ ނިމުނުއިރު މި ސެމިނަރގައި ޤައުމުތަކުގައި ފިތުނަ އުފެދެން ދިމާވާ ސަބަބުތަކާއި، އެކަންކަން ހައްލުކުރާނެ ގޮތުގެ މައްޗަށް، އިނގިރޭސި ބަހުންނާއި ޢަރަބި ބަހުން 12 ކަރުދާސް ހުށަހަޅާ މަޝްވަރާކުރިއެވެ. ސެމިނާގައި ކަރުދާސް ހުށައެޅި ޤައުމުތަކުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާއި ޔަމަނާއި ތޫނިސް އާއި އުރުދުންގެ އިތުރުން މޮރޮކޯ ފަދަ ޤައުމުތައް ހިމެނެއެވެ. ދެ ދުވަހުގެ މުއްދަތައް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި ސެމިނަރގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އަދުގެ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ސަލާމަތީ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމުގައި މެދު މިނުގެ ދިނީ ފިކުރު ފެތުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ. މީގެ އިތުރުން މިފަދަ ކަންތައްތައް ކުރުމަށް އެންމެ އެކަށީގެންވާ ގޮތްތަކާ މެދުވެސް މި ސެމިނަރގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ސެމިނަރ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މި ސެމިނަރ އަކީ ރާއްޖެގައި އިސްލާމްދީނުގެ މެދުމިނުގެ އުސޫލްތައް ޤާއިމް ކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. އަދި މި ދާއިރާގައި ރާއްޖެއިން ކުރާ މަސައްކަތް މިއަދު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭއިން ޓެރަރިޒަމާއި ހައްދު ފަހަނައަޅާދިއުން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ފަރާތުން ދިން އެވޯޑް މިކަމުގެ ފުރިހަމަ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިދާއިރާގައި ރާއްޖެއިން ކުރާ މަސައްކަތްތައް ބައިނަލް އަޤްވާމީ ފަރާތްތަކުން ބަލައިގެންފި. މިގޮތުން ރައީސްއަށް ދެއްވި އެވޯޑް މިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް. ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އިތުރު ކާމިޔާބުތަކެއް ލިބޭނެކަމަށް އުއްމީދުކުރަން" ޑރ. ޒިޔާދު ވިދާޅުވިއެވެ.

މި ސެމިނަރގައި ބޭރުގެ ޤައުމުތަކުގެ ތަޖުރިބާކާރު އިލްމުވެރިން ބައިވެރިވިއެވެ. އަދި އިސްލާމްދީނުގެ ބައެއް އުސޫލްތަކާއި އަސްލާއި ޚިލާފު ވާހަކަދެއްކުމާއި، އިސްލާމްދީނުގައި ކަންކަން އޮންނަގޮތާއި ޚިލާފަށް ބައެއް އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމުޢިއްޔާތަކުން ފަތުރާ މަޢުލޫމާތުތަކުގެ ޞައްޙަ މަޢުލޫމާތު މި ބައްދަލުވުމުގެ ތެރެއިން ވަނީ ދީފައެވެ. މި ސެމިނަރގައި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން 16 ބައިވެރިން ބައިވެރިވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާ ބޮޑެތި ދީނީ މުއައްސަސާތައް ކަމުގައިވާ، އޯ.އައި.ސީ، އަރަބިލީގް، އިސެސްކޯ، ފަދަ މުއައްސަސާތަކާއި، އެސޯސިއޭޝަން އޮފް އަރަބް ޔުނިވަރސިޓީސް އާއި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރާއި، މިސްރުގެ އަލް އަޒްހަރް ޔުނިވަރސިޓީއާއި، ޕާކިސްތާން އިންޓަނޭޝަނަލް ޔުނިވަރސިޓީގެ އިތުރުން މެލޭޝިޔާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ހިމެނޭހެން ބޭރުގެ 15 ޤައުމަކުން 35 މަންދޫބުން މި ސެމިނަރގައި ބައިވެރިވިއެވެ.