ޚަބަރު

"ޢަލީ ޙަމީދާ ގުޅުންހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު"


ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދާ ގުޅުންހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށާއި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި މައްސަލައިގެ ތަޙްޤީޤްގެ އެންމެ ފަހުގެ މައުލޫމާތު ޙިއްޞާ ކުރަމުން ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މިމައްސަލައިގެ ތަޙްޤީޤަށް ހެއްކާއި ޤަރީނާ ހޯދުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ފަނޑިޔާރު ޢަލީ ޙަމީދާ ގުޅުންހުރި ގެޔަކުން 38 މިލިއަން ރުފިޔާ ފެނިފައިވާކަމަށެވެ. މިފައިސާއާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

"
"2018 ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދާ ގުޅުންހުރި ގެއަކުން، 38 މިލިއަން ރުފިޔާއަށްވާ ޔޫއެސް ޑޮލަރާއި، ޕައުންޑާއި ދިވެހިފައިސާ ފެނިފައިވާކަން ފާހަގަކޮށްލަން."
އަޙްމަދު ޝިފާން - ފުލުހުންގެ ތަރުޖަމާނު

ފުލުހުން ވަނީ، ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އިސްވެ، ބައެއް ސިޔާސީ ފަރާތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ހެކި ލިބިފައިވާކަމަށެވެ.

ފަނޑިޔާރު ޢަލީ ޙަމީދު ރާއްޖެއިން ބޭރުން ފްރޮޕަޓީއެއް ގަނެފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ފަނޑިޔާރު ޢަލީ ޙަމީދަށް ނިސްބަތްވާ ދަބަހަކުން 3.5 މިލިއަން ރުފިޔާއަށްވާ ފައިސާއާއި ޑޮލަރު ފެނިފައިވާކަން ފުލުހުން ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާގެ އިދާރީ އެންމެ މަތީ ފަރާތް، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ދިރިއުޅުއްވާ ގެއިން މިމައްސަލައާ ގުޅުންހުރި ގިނަ ޢަދަދެއްގެ ފައިސާ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިމައްސަލައިގައި މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު ޢަމުރަކީ ސަރުކާރު ވައްޓާލުމަށް ރޭވި ރޭވުމެއްގެ ތެރެއިން ނެރުނު ޢަމުރެއްކަން ކަށަވަރު ވެފައިވާމަށް އެފަރާތްތަކުން ބުނެއެވެ.