ކުޅިވަރު

ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި


ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރ އުރީދޫ މޯލްޑިވްސްއާއިއެކު ސޮއިކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްއާއިއެކު ޕާޓްނާރޝިޕް އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބް ޚާންއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ވޯލްޑްކަޕަށް ޕީއެސްއެމުން ދުރާލާ ތައްޔާރީތައް ފަށާފައިވާއިރު، މި މުބާރާތުގެ މަޢުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި މިއީ މުހިންމު ފިޔަވަޅެއްކަމަށެވެ. މި ސޮއިކުރެވުނު އެއްބަސްވުމާއެކު އުރީދޫގެ ނެޓްވޯކާއި، ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް މުބާރާތް އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ފުރިހަމަކަމަކާއި ބާރެއް ލިބޭނެކަމަށް ޚަލީލް ވިދާޅުވިއެވެ.

"ވޯލްޑްކަޕަށް ޕީއެސްއެމުން ވަމުންދާ ތައްޔާރީތައް ވަރަށް ދުރާލާ އަޅުގަނޑުމެން މިދަނީ ގެނެސްދެމުން. ސްޕޮންސަރުންނާއެކު އެޅޭ ފުރަތަމަ ފިޔަވަޅުމިއީ. އަޅުގަނޑު ޔަޤީންކަން އަރުވަން އުރީދޫއާއިއެކު އުރީދޫގެ ނެޓްވޯކާއި، ޕީއެސްއެމްގެ ޗެނަލްތަކުން މުބާރާތުގެ ތާޒާ މައުލޫމާތާއި ޚަބަރު ގެނެސްދޭނަން" ޚަލީލް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންނާއި އެންމެ ގާތް ކުޅިވަރުކަމަށާއި، އުރީދޫއިންވެސް އަންނަނީ ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންކަމަށެވެ. އަދި ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖުގައި ބައިވެރިވެވުމަކީ ލިބުނު ބޮޑު އުފަލެއްކަމަށާއި، އުރީދޫއާއި ޕީއެސްއެމް ގުޅިގެން ކޮލިޓީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މެޗުތައް ފެންނާނެގޮތް ހަދާނެކަމަށެވެ.

"ފުޓްބޯޅައަކީ ކޮންމެ ރަށެއްގެ، ކޮންމެ މީހަކާއިވެސް ގުޅުން ހުރި ކުޅިވަރެއް. އުރީދޫއަކީވެސް ފުޓްބޯޅައާއި ގުޅުން ބޮޑު ކުންފުންޏެއް. މިއަހަރުގެ ވޯލްޑްކަޕްގެ މެޗުތައް އުރީދޫ ނެޓްވޯކް މެދުވެރިކޮށް ޕީއެސްއެމާއި ގުޅިގެން ކުއަލީޓީކޮށް ފެންނާނެ ހުރިހާ ރައްޔިތުންނަށްވެސް." ނަޖީބް ޚާން ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖާގުޅޭގޮތުން ދޮގު ޚަބަރު ފަތުރަމުންދާތީ އެކަން ފާހަގަކުރައްވާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޕީއެސްއެމް ފިޔަވައި ރާއްޖެ އެހެން ޗެނަލަކުން ވޯލްޑްކަޕް ނުދެކޭނެކަމަށް ނުވަތަ ނުދައްކާނެކަމަށް ޕީއެސްއެމުން ފާހަގަކޮށްފައި ނުވާނެކަމަށާއި، އެކަމަކު ދިވެހިރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ލައިސެންސް އޮތީ ހަމައެކަނި ޕީއެސްއެމްގެ އަތުގައިކަމަށެވެ. އަދި ސާކް ސަރަހައްދުގެ ރައިޓްސް ވިއްކާފައިވާ ސޮނީ ޕިކްޗާސްއިން ޕީއެސްއެމްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި އެހެން ފަރާތްތަކުން ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސްއާއި ޚިލާފުވޭތޯ ބެލުންވެސް ހިމެނިފައިވާކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ މުބާރާތުގެ އެކި މައުލޫމާތުތައް އެންމެންނާއި ހިއްސާކުރަމުން. އެއްވެސް އިރަކު ޕީއެސްއެމުން ހާމަކޮށްފައި ނުވާނެ އެހެން ޗެނަލްތަކަކަށް ވޯލްޑްކަޕް ނުދެއްކޭނެ ނުވަތަ ނުދައްކާނެ ވާހަކަ. 2018ގެ ފީފާ ވޯލްޑްކަޕްގެ ސާކް ސަރަހައްދުގެ ރައިޓްސް ފީފާއިން ގަނެފައިވަނީ ސޮނީ ޕިކްޗާސްއިން. ރާއްޖޭގެ ޓެރިޓަރީގެ ރައިޓްސް ސޮނީން އަޅުގަނޑުމެން މި ހޯދީ. އަޅުގަނޑުމެންނަށް އެނގިފައެއް ނެތް ސޮނީން ރައްޖޭގެ ރައިޓްސް އެހެން ބަޔަކަށް ދިންކަމެއް. އަޅުގަނޑުމެންނާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައިވޭ ރައިޓްސްއާއި ހިލާފުވާ ގޮތަށް ރާއްޖޭގައި ކަން ކުރޭތޯ ބެލުން." ޚަލީލް ވިދާޅުވިއެވެ.