ޚަބަރު

މައުމޫން ވަނީ 2015 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން މަސައްކަތް ފަށާފައި- ޕޮލިސް


ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނީ އިމުގެ ބޭރުން ވައްޓާލުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ފަށާފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ސްޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީގެން ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމަށް ބަޔަކު ރާވައިގެން މަސައްކަތް ކުރިކަމުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން ހިންގަމުންދާ ތަޙްޤީޤާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، 2015 ވަނަ އަހަރު އަޙްމަދު އަދީބު ނާއިބު ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެވުނު ހިސާބުން ފެށިގެން މިހާރު މި އޮތް ޤާނޫނީ ވެރިކަން ޤާނޫނީ އިމުން ބޭރުން ބަދަލުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ފެށިކަން ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާކަމަށެވެ. އަދި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައިވެސް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެގޮތުގައި ފައިސާ ހުށަހަޅައި ބައެއް ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅުމަށް އެކިގޮތްގޮތުން ކުރީގެ ރައީސް މަޢުމޫން މަސައްކަތްކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، އެ މައްސަލަ ތަޙްޤީޤުކުރުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީމަހުގެ 11 ވަނަ ދުވަހު ފުލުހުން ފަށާފައިވާއިރު، މި މައްސަލައިގެ ތަޙްޤީޤުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި، ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީފައިވާކަމަށާއި، މިކަމުގައި ވިލާ ގްރޫޕުން މަލީގޮތުން އެހީތެރިކަން ފޯރިކޮށްދީފައިވާކަން ހާމަވެފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މ.އެންދެރިމާގެ ބަލައި ފާސްކުރުމުން ދަނިކޮށް، އެންދެރިގަސް ކިޔާ ގެއިން ކަޅު ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާގުޅިގެން އެ ފޮށި ފުލުހުންގެ ތަޙްޤީޤުން ހޯދާފައިވާކަމަށެވެ. އަދި އެ ފޮށިން ރިޝްވަތު ދިނުމާއި، ވެރިކަން ބަދަލުކުރުމަށް މަޖިލީހުގެ ތެރެއިންނާއި ކޯޓުތަކުގެ ތެރެއިން ޣައިރު ޤާނޫނީގޮތުން ކުރަމުންދިޔަ މަސައްކަތުގެ ހެކި ފެނިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލުމަށާއި، ބޭރުގެ ނުފޫޒު ރާއްޖެއަށް ގެނެއުމަށް މަސައްކަތް ކުރިކަމުގެ ލިޔެކިޔުންތައް މި ފޮށިން ހޯދާފައިވާއިރު، އެ ލިޔެކިޔުންތަކުގައި މަދު ބައެއްގެ އަމިއްލަ ޒާތީ މަންފާއެއް ޙާސިލްކުރުމަށްޓަކާ ހުރިހާ ދިވެހިންގެ ޢާއްމު ދިރިއުޅުމަށް ދަތިކޮށް، ރާއްޖޭގެ އިޤްތިޞާދަށް ބޭންކްތައް މެދުވެރިކޮށް ދަތިކޮށް، ދިވެހިންނަށް ބޭރުޤައުމުތަކުން ވިސާ ހޯދުމުގައާއި، ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނެއުމަށް ދަތިކުރުންފަދަ އެތައް ކަމެއް ކުރުމަށް މަޝްވަރާކޮށްފައިވާކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް 2015 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކުއްލި އަމުރެއް ނެރުމާއި ހަމައަށް އެކި އެކި މަރުޙަލާތަކުގައި މަދު ބަޔަކު އިސްވެތިބެގެން މަސައްކަތް ކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ހާމަވެފައިވާއިރު، މީގެ ތެރެއިން ބައެއް ފަރާތްތަކުގެ ތަޙްޤީޤު ނިންމާ، މިހާރު ކޯޓު މަރުޙަލާގައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މަޢުމޫނާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްސަލަ ހިމެނެއެވެ.