ކުޅިވަރު

ގްރީންގައި ހުއްޓަސް އެންމެ ބޮޑު ވާދަވެރިއަކީ ނިއު، އެޓީމާ ޗެލެންޖްކުރާހިތްވޭ: ސުޒޭން


ނިއުރޭޑިއަންޓަކީ އަދިވެސް އޭނާގެ އެންމެ ބޮޑު ވާދަވެރިޔާކަމަށާއި، ނިއުރޭޑިއަންޓާ ޗެލެންޖު ކުރުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އެސްޓިއޯ މާލެލީގުގައި މާދަމާ ހަވީރު ނިއުއާ ވާދަކުރަންޖެހޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒޭން ބުނީ ނިއުރޭޑިއަންޓަކީ އޭނާ އެންމެ ކުޑައިރުސުރެންވެސް އެންމެ ބޮޑު ވާދަވެރިޔާކަމަށެވެ. އަދި ވިކްޓްރީއަށް އޭނާ ކުޅުނު ދުވަސްވަރާ އަދި ކޯޗުކޮށްދިން ދުވަސްވަރުވެސް އޭނާގެ އެންމެ ބޮޑު ވާދަވެރިޔަކީ ނިއުކަމަށާއި، މިއަދު ގްރީންގެ ކޯޗެއްގެ ގޮތުގައި ހުއްޓަސް އެވާދަވެރިކަމަކަށް ބަދަލު ނާންނަ ކަމަށް ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އޭނާއަކީ އެއްގޮތަކަށްވެސް ނިއުރޭޑިއަންޓާ ދޭތެރޭ ޒާތީކޮށް ދެކޭ މީހެއް ނޫންކަމަށާއި، ނިއުރޭޑިއަންޓުން ރަނގަޅުކަމެއް ކޮށްފިއްޔާ އެކަންވެސް ފާހަގަކުރާކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ނިއު ވާދަކުރި މެޗުގައި ނިއު ދެއްކި މޮޅު ކުޅުމަށް ސުޒޭން ވަނީ ތަޢުރީފްކޮށްފައެވެ. ސުޒޭން ބުނީ ނިއުރޭޑިއަންޓަކީ ލީގުގައި ވާދަކުރާ އެންމެ މޮޅު އެންމެ ވަރުގަދަ ޓީމްކަމަށާއި، މިހާރު ގްރީން އޮތް ހާލަތުން ނިއު ބަލިކުރުމަކީ އުނދަގޫކަމެއްކަމަށެވެ. ސުޒޭން ބުނީ މެޗުގެ އޮއިވަރު ދާގޮތަކުން އޭނާއަށް ޓެކްނިކަލް މައުލޫމާތު އެނގިހުރި މިންވަރަކުން ނިއުރޭޑިއަންޓް ބަލިކުރެވިދާނެކަމަށެވެ.
ސުޒޭން ބުނީ މެޗުން މަދުވެގެން ޕޮއިންޓެއް ހޯދުން މުހިންމުކަމަށާއި، ހުރިހާ ޓީމަކަށްވެސް ގަދަ ހަޔަކަށް ވަނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

" އަޅުގަނޑުގެ އެންމެ ބޮޑު ވާދަވެރިޔަކީ ނިއު. އެއީ އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ކުލަބެއް އަބަދުވެސް، އަޅުގަނޑަކީ ވަރަށް ކެރިގެން އަބަދުވެސް ނިއުރޭޑިއަންޓާ ޗެލެންޖުކުރަން ނުކުންނަ ކޯޗެއް، އެއީ އަޅުގަނޑަށް ވެސް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް." ސުޒޭން ބުންޏެވެ.

މެޗުގެ ކުރިން ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަންޕަތު) ބުނީ ނިއުރޭޑިއަންޓުން ވަރަށް ބޮޑަށް ގްރީންއާ ދޭތެރޭގައި ސަމާލުވާނެ ކަމަށެވެ. އަދި އެންމެފަހުން އޭއެފްސީކަޕުގައި ނިއުރޭޑިއަންޓްގެ ފަރާތުން ފެނުނު މޮޅު ކުޅުން މިމެޗުގައިވެސް ފެނިގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. ހުރިހާ އަމާޒެއް ހުރީ ގްރީން މެޗަށް ކަމަށާއި، ނިއުގެ އަސްލު ސްޓައިލުގައި ކުޅެ މެޗުން މޮޅުވާނެ ކަމުގެ އުންމީދު ބޮޑުކަމަށް މިދިޔަ ސީޒަންގެ ކުރީކޮޅު ވިކްޓަރީގައި ސުޒޭންގެ އެސިސްޓެންޓަކަށް ހުރި ސަންޕަތު ބުންޏެވެ.

ކުޅުންތެރިން ކޮންމެވެސް ވަރަކަށް މާޔުސްވި ބެންގަލޫރު އަތުން ބަލިވިމުން. އަޅުގަނޑުމެން ދިޔައީ މޮޅުވާން، މޮޅުވާން ގޮސް ބަލިވީމަ ކުޅުންތެރިން މާޔޫސްވީ. އިރާދަކުރެއްވިއްޔާ ގްރީންއާ ދެކޮޅަށް ވެސް މިނުކުންނަނީ މޮޅުވާން." ނިއުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

މެޗާ ކުރިމަތިލާއިރު މިވަގުތު އެއް މެޗު މަދުން ކުޅެގެން ނިއުރޭޑިއަންޓް ތާވަލްގެ ދެވަނަގާ އޮތީ ދިހަ ޕޮއިންޓާއެކުއެވެ. ގްރީން އޮތީ ފަސް ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. ގްރީންއާ ނިއު ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.