ޚަބަރު

އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން ރައީސްއަށް އެވޯޑެއް އަރުވައިފި


އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުންދޭ އެންމެ ޝަރަފްވެރި އެވޯޑް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ.

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ އިންސާނިއްޔަތުކަމާއި، އިސްލާމްދީނުގެ ހިދާޔަތު ފަތުރައި، ދުނިޔޭގެ މަސްރަހުގައި ދިމާވާ ޓެރެރިޒަމްގެ މައްސަލަތަކަށް ދީނީ ނަޒަރަކުން އިސްލާޙުތައް ގެނައުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

އެ ޖަމިއްޔާއިންދޭ އެންމެ ޝަރަފްވެރި އެވޯޑް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެވޯޑް ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ރައީސް އަދި ސޫދާނުގެ ކުރީގެ ބޮޑުވަޒީރު ޑރ.އައްޞާދިޤު އައްޞިއްދީޤު ޢަބްދުއްރަޙްމާން އަލްމަހުދީއެވެ. އެމަނިކުފާނަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ، ރާއްޖޭއިން ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުން ނައްތާލުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ. އަދި އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތައް ނެގެހެއްޓުމާއި ސުލަޙަ މަސަލަސްކަން ޤާއިމުކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ރައީސް ޔާމީނަކީ މި އެވޯޑް ލިބިވަޑައިގެންނެވި ދުނިޔޭގެ ތިންވަނަ ބޭފުޅާއެވެ.
މި އެވޯޑް ކުރިން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، މޮރިޓޭނިއާގެ މިހާރުގެ ރައީސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒާއި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ ރަސްގެފާން ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، މިއީ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފެތުރުމާއި، އިސްލާމްދީނުގެ އަމާންކަމުގެ މަޢުލޫމާތު ފެތުރުމަށް ކުރާ ގިނަ ދިރާސާތަކެއްގެ މައްޗަށް ބަލައި ދޭ އެވޯޑެއްކަމަށެވެ.

ރައީސް ޔާމީން ރާއްޖޭގެ އިސްލާމީ އުސޫލްތަކާއި އިސްލާމީ ހަމަތައް ދެމެހެޓެވުމަށްޓަކައި ކުރައްވާމަސައްކަތުގެ ނަތީޖާ ރާއްޖޭގެ ކަންކޮޅުތަކުންފެންކަމަށް ވިދާޅުވިއެވެ.

މުސްލިމް ޤައުމުތަކުގެ ޒުވާނުންގެ ހިތުގައި އިސްލާމްދީނުގެ މެދުމިން ޚިޔާރުކުރުމާއި، ހައްދުފަހަނައަޅައި ދިއުމުގެ ފިކުރުތައް ނައްތާލައި ދުނިޔެއަކީ އަމާން ސުލްހަވެރިތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ނަތީޖާ ދުނިޔެއިން މިއަދު ފެންނަމުންދާކަމަށާއި، ތަފާތު ފަންނުތަކުގައި މިބޭފުޅުންނާއެކު ބާރަ ހާހަށްވުރެ ގިނަ ޢިލްމުވެރިން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އެންމެ ފުރަތަމަ ތާރީޚީގޮތުން އިސްލާމީކް ޔުނިވާސިޓީއެއް ޤާއިމްކުރުމުގެ ބޭނުމަކީ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށްޓަކައި މިޤައުމުގައި ބިނާކުރެވުނު އެންމފުރަތަމަ އިސްލާމީ ރަމްޒު. އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މިފޯރަމަކީ 2000 ވަނަ އަހަރުއޯއައިސީގެ ބައްދަލުންވަތަށްފަހުގައި ދުނިޔޭގައި އިސްލާމީ ޤައުމުތަކުގައި އިސްލާމްދީނުގެ ނަމުގައި ދީނީ އެކިއެކި ފިކުރުތައް ޤައުމުތަކުގައި ފެތުރެމުންދާލެއް ހަލުވިކަމާއެކު އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާ. މިއަދު ދުނިޔޭގައި މި މަސައްކަތް ތަމްސީލްކުރާ އުރުދުންގެ ހެޑްއޮފީހާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއަދާހަމައަށް 13 އޮފީހެއްގައި 13 ޤައުމެއްގައި މަސައްކަތްކުރަމުނ ގެންދޭ." ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޓަރޏޭޝަނލް މޮޑަރޭޝަން ފޯރަމްގެ ރައީސް ޑރ.އައްޞާދިޤް އައްޞިއްދީޤް ޢަބްދުއްރަޙްމާން އަލްމަޙްދީ ވަނީ ހައްދުފަހަނައަޅަދިއުމާއި ޓެރަރިޒަމް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކަށް ތަޢުރީފުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

" ޢަރަބި ބަހާއި އިސްލާމްދީން ކުރިއަރުވާ، ހައްދުފަހަނައަލާ ދިއުމުގެ ފިކުރު ނައްތާލުމަށް ރައީސް ޢަބްދުﷲ ޔާމީން ގެންގުޅުއްވާ ޕޮލިސީއާމެދު އަލުގަނޑުމެން ވަރަށް އުފާކުރަން." ޑރ.އައްޞާދިޤް އައްޞިއްދީޤް ޢަބްދުއްރަޙްމާން އަލްމަޙްދީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ އިންޓަރނޭޝަނަލް މޯޑަރޭޝަން ފޯރަމުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެޖަމްޢިއްޔާއަށް ހިތްވަރުދެއްވާފައެވެ.