ކުޅިވަރު

ކްލަބް މޯލްޑިވްސްކަޕް ފައިނަލްގައި މޯލްޑިވިއަންއާއި ތިލަފުށި


ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވިއަން ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކްލަބް އެޗް.ޑީ.ސީ އާއި ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކުރީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްއެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އެޗް.ޑީ.ސީންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ސުޖަން އަހުމަދުއެވެ. ތިލަފުށި ކޯޕަރޭޝަނުން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމްގެ ފުރަތަމަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ލިޔާހުއެވެ. ދެވަނަ ލަނޑު ޖަހައިދިނީ ހުސައިން ޝަރީފްއެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހު ރަނަރަޕް އެމް.ޕީ.އެލް އާއި މޯލްޑިވިއަންއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު މޯލްޑިވިއަން ކާމިޔާބުކުރީ، އެމްޕީއެލުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. މި މެޗު ފެށިތާ ފަސްވަނަ މިނެޓްގައި އެމް.ޕީ.އެލް ގެ ސިނާން އިބްރާހިމް ރަޝީދު ވަނީ ލަނޑެއް ކާމިޔާބުކޮށް، އެމްޕީއެލަށް ލީޑު ނަގައިދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި މޯލްޑިވިއަން ޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާންއެވެ. މޯލްޑިވިއަން ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި ފަހުން އެމް.ޕީ.އެލް ޓީމަށް ވަނީ ތިން ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ޕެނަލްޓީއެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މި މެޗުގައި މޯލްޑިވިއަން ޓީމުގެ ކީޕަރ އާދަމް އިމާންގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިފައެވެ. މެޗު ކުޅުނު ވަގުތު ބޯކޮށް ވާރޭ ވެހުމުން ދަނޑުގައި ފެން ހެދިފައި އޮތުމުގެ ސަބަބުން ދެޓީމަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. މެޗު ނިމެން ދަނިކޮށް މޯލްޑިވިއަން އިން ވަނީ ގާތް ގާތުގައި ދެ ގޯލް ޖަހައި، މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓީމް އެމްޕީއެލް ސިއްސުވާލާފައެވެ. މޯލްޑިވިއަން ޓީމުން ލީޑު ނެގި ގޯލް، އިބްރާހީމް ތަހުސީން ކާމިޔާބުކޮށްދިން އިރު، މޯލްޑިވިއަންއަށް ފައިނަލުން ޖާގައެއް ޔަޤީން ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާންއެވެ.

މޯލްޑިވިއަންއާއި ތިލަފުށި ކޯޕަރޭޝަން ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަދުވަހުގެ ރެއެވެ. މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.