ދުނިޔެ

އެމެރިކާގެ ޙަމަލާތައް ވާނީ ނާކާމިޔާބުކޮށްލާފައި- ސޫރިޔާ


އެމެރިކާ އިސްވެ އޮވެގެން ހުޅަނގުގެ ބޮޑުތިން ބާރުން ސޫރިޔާއަށް ދިނީ އުދުވާނީ ހަމަލާތަކެއް ކަމަށާ އެޙަމަލާތައް ނާކާމިޔާބުވެފައިވާ ކަމަށް ސޫރިޔާ ސަރުކާރުން ބުނެފިއެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ހުޅަނގުގެ މަދަދާއެކު ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އަތްދަށުން ޤައުމު ސަލާމަތްކޮށް، ސޫރިޔާގައި ސުލްޙަ ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެ ޙަމަލާތަކުގެ ސަބަބުން އަސަރެއް ނުކުރާނެކަމަށާއި، ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅަގަނޑު ރޯކުރުމުގެ ފަހަތުގައިވަނީ ހުޅަނގުގެ މަދަދު ލިބޭ ޖަމާއަތްތައް ކަމަށެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާއިން މިހެން ބުނެފައި މިވަނީ، ސޫރިޔާގެ ދޫމާއަށް ދާދިފަހުން ދިންކަމަށް ބުނެވޭ ކެމިކަލް ހަމަލާގެ ފަހަތުގައިވަނީ ސޫރިޔާ ސަރުކާރުކަމަށް ތުހުމަތުކޮށް އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ގުޅިގެން ސޫރިޔާގެ ބައެއް އަމާޒުތަކަށް ހަމަލާތަކެއް ދިނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ހުޅަނގުގެ ހަމަލާތަކުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ އެމެރިކާއެވެ. އެމެރިކާއިން ސޫރިޔާގެ އެކި އަމާޒުތަކަށް ސަތޭކައަށްވުރެ ގިނަ ކްރޫޒް މިސައިލް ފޮނުވާލާފައިވާއިރު ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އެ ޙަމަލާތަކުގައި ބައިވެރިވެފައިވަނީ، ފައިޓަރ ޖެޓް ބޭނުންކޮށްގެން، ރަމްޒީ ގޮތެއްގައެވެ.

ސޫރިޔާ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ފޮނުވާލި ކުރޫޒް ޓޮމަހޯކް މަރުކާގެ މިސައިލްތަކުގެ ތެރެއިން 20 މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލި ކަމަށާއި އެހެން މިސައިލްތަކުގެ މިސްރާބު ބަދަލުކޮށްފައިވާނެކަމަށެވެ. އެމެރިކާގެ މިސައިލްތަކަށް ހުރަސްއެޅުމަށް ރަޝިޔާއިން އަލަށް އުފައްދާފައިވާ ތިން ބާވަތެއްގެ މިސައިލް އައްޑަނައިގެ ބެޓްރީތައް ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ބޭނުންކުރިކަމަށް ޚަބަރުތައް ބުނާނަމަވެސް ރަޝިޔާއިން ވަނީ، ސޫރިޔާ ސިފައިން ބޭނުންކުރީ ކުރީގެ ސޮވިއެޓް ޔުނިއަންގެ ދުވަސްވަރު އުފައްދާފައިވާ އާދައިގެ ހަތިޔާރުކަމަށް ބުނެފައެވެ.

ހުޅަނގުގެ ބޮޑު ތިން ބާރުގެ ޙަމަލާތަކަށް ރައްދުދޭނެކަމަށް ރަޝިޔާ ކުރިން ބުނިނަމަވެސް އެ ޙަމަލާތަކަށް ރަޝިޔާއިން ރައްދު ނުދިނީ އެޙަމަލާތައް ދޭނެ ތަންތަނާއި ވަގުތާބެހޭ މައުލޫމާތު އެމެރިކާއިން ރަޝިޔާއަށް ދިނުމާ އަދި އެ ހަމަލާތަކުން ސޫރިޔާ ސިފައިންނާއި ހަތިޔަރާއި އަސްކަރީ ސާމާނުތައް ސަލާމަތްކުރުމުގެ ފުރުސަތު ލިބުމުންކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން އެމެރިކާގެ ހަމަލާތައް އެއްބުރުން ނިންމާލުމާއި ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް އެ ހަމަލާތައް އަމާޒު ނުކުރުމަކީވެސް ރަޝިޔާއިން ރައްދު ނުދިން ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ހުޅަނގުގެ ހަމަލާތަކުގައި ސޫރިޔާ ސިފައިންގެ އެކަކުވެސް މަރުނުވާކަމަށް އެ ޤައުމުގެ ރަސްމީ ޓީވީން ބުނެއެވެ. ސޫރިޔާއަށް ދިން ޙަމަލާތައް އަމާޒުކުރީ ކެމިކަލް ހަތިޔާރު އުފެއްދުމަށާއި އެ ތަކެތި ރައްކާކުރުމަށް ސޫރިޔާ ސިފައިން ބޭނުންކުރާ ތަންތަނަށްކަމަށާއި އެ ހަމަލާތަކުގެ ސަބަބުން ކެމިކަލް ހަތިޔާރުގެ ޤާބިލިއްޔަތު ސޫރިޔާގެ ކިބައިގައި ކުޑަވެގެންދާނެކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސްވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެމެރިކާގެ ހަމަލާތަކަކީ ސޫރިޔާގެ އަސްކަރީ ޤާބިލިއްޔަތަށް އަސަރުކުރާ ވަރަށްވުރެ މާ އާދައިގެ ހަމަލާތަކެއްކަމަށް އަސްކަރީ ތަޖުރިބާކާރުން ސިފަކުރެއެވެ.