ދުނިޔެ

އެމެރިކާއިން އިސްނަގައިގެން ސޫރިޔާއަށް ހަމަލާދީފި


ސޫރިޔާގެ ދޫމާއަށް ދާދިފަހުން ދިންކަމަށް ބުނާ ކެމިކަލް ހަމަލާގެ ފަހަތުގައިވަނީ ސޫރިޔާ ސަރުކާރު ކަމަށް ބުނެ، އެމެރިކާއިން ސޫރިޔާއަށް ހަމަލާދީފިއެވެ. ޙަމަލާ ދިނީ ސޫރިޔާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ކަމަށާއި، ޙަމަލާތަކުގައި ބޭނުންކުރީ ކުރޫޒް ޓޮމަހޯކް މިސައިލް ކަމަށް، ހަމަލާ ދިންކަން އިޢުލާންކުރައްވަމުން އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް ވިދާޅުވިއެވެ. ޙަމަލާތައް މިހާރު ނިމިއްޖެކަމަށާއި ސޫރިޔާއަށް އިތުރު ހަމަލާތަކެއް ދޭން އަދި މި ދަނޑިވަޅުގައި ވިސްނަމުން ނުދާކަމަށް މަޓިސް ވިދާޅުވިއެވެ.

އެމެރިކާގެ ޙަމަލާތައް އަމާޒުކުރީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ސައިންޓިފިކް ދިރަސާކުރާ މަރުކަޒަކަށާއި، ދިމިޝްގުގެ މެދުތެރޭގައިވާ ސޫރިޔާ ސިފައިންގެ ހަތިޔާރު ގުދަނަކަށާއި، ދިމިޝްގާ ތަންކޮޅެއް ދުރުގައިވާ އަސްކަރީ ދެ އަމާޒަކަށެވެ. ނަމަވެސް މިދިޔަ އަހަރު އެމެރިކާ އިން ސޫރިޔާގެ ވައިގެ މަރުކަޒަކަށް ދިން ޙަމަލާތަކަށްވުރެ މި ޙަމަލާތައް ވަރުގަދަވާނެކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނެފައިވެއެވެ.

ސޫރިޔާއަށް ޙަމަލާދޭން ފެށިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރެއްވީ ރޭ ސޫރިޔާގެ ގަޑިން މެންދަމު 0300ގައެވެ. އެ ހަމަލާތަކުގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ބައިވެރިވާކަމަށް އެ ދެ ޤައުމުންވެސް ބުނެއެވެ.