ޚަބަރު

ސިވިލް ސާރވިސް މުވައްޒަފުންނަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިނީ މި ސަރުކާރުން- ޑރ. ޝަމީމް


ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސާރވިސް މުވައްޒަފުންނަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ މި ސަރުކާރުންކަމަށް އެކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ. ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ ތިންވަނަ ސިވިލް ސާރވިސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ސިވިލް ސާރވިސް ކޮންފަރެންސްއަކީ ޢިލްމީ އަދި ދިރާސާގެ އަލީގައި، ދިވެހި ސިވިލް ސާރވިސް ޒަމާނީކޮށް ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް ފަންނީ ލަފާދިނުމަށް ކޮންމެ ދެ އަހަރުން އެއްހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މި އަހަރުގެ ކޮންފަރެންސް ހުޅުވާދެއްވުމުގެ ރަސްމިއްޔާތުގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް އެންމެ ބޮޑު ކުރިއެރުމާއި ތަރައްޤީ އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައިކަމަށެވެ. މިގޮތުން ސަރުކާރު އޮފީސްތައް މަސައްކަތްކުރަން އޮންނަ ރަސްމީ ގަޑި ހަ ގަޑިއިރަށް ކުޑަކުރުމާއި ސިވިލް ސާރވަންޓުންނަށް މަތީ ތަޢުލީމު ހާސިލްކުރުމަށް ސްޓަޑީ ލޯން ތައާރަފުކުރުމުގެ އިތުރުން ސިވިލް ސާރވަންޓުންނަށް ލުއި ގޮތެއްގައި އަތްފޯރާ ފަށުގައި ގެދޮރުވެރިކުރުމަށް ހައުސިންގ ސްކީމެއް ފަށްޓަވަދެއްވާފައިވާކަން އަލީ ޝަމީމު ފާހަގަކުރެއްވިއެވެ. އަދި މިިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮބަދަލެއް ގެނެސްފައިވާކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

"ސިވިލް ސާރވިސް ކޮމިޝަނަށް ކޮންމެ އަހަރަކު ހޯދޭނެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވޭ ކަމަކީ ސިވިލް ސަރވަންޓުން ތަމުރީންކުރުމުގެ މަސައްކަތްކަން ފާހަގަކޮށްލަން. ފާއިތުވި 4 އަހަރު އެވްރެޖްކޮށް ކޮންމެ އަހަރު 4000 ސިވިލް ސާރވަންޓުންނަށް އެކިކަހަލަ ތަމުރީންތައްދެވިފައިވޭ. މިއީ ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންގެ 6 ބައިކުޅަ އެއްބައި ތަމުރީންކުރެވުންކަން އުފަލާއެކު ފާހަގަކޮށްލަން. 2017 ވަނަ އަހަރު ތަމުރީން ދިނުމުގެ ޚިދުމަތްވަނީ ޒަމާނާގުޅޭގޮތަށް މުޅިން އާ އުސްމިންތަކަށް ގެންދެވިފައި. އެގޮތުން މާލެ ނައިސް އަތޮޅުތެރޭގައި ތިބެގެން ސިވިލް ސާރވަންޓުންނަށް އިންޓަރނެޓްގެ ޒަރީއާއިން ތަމުރީން ހާސިލުކުރެވޭނެ އީ-ލާރނިންގ އާއި ވަރޗުއަލް ލަރނިން ވަނީ ތަޢާރްފުކޮށް ކޯސްތައް ހިންގަން ފެށިފައި." އަލީ ޝަމީމު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ އޮފީސްތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ތަންތަނުން އިސްނަގައިގެން ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ދެމުން އަންނަ ސިވިލް ސަރވިސް އީޖާދީ އިނާމު ދީފައެވެ. މިފަހަރު މި އިނާމު ފަސް މުއައްސަސާއަކަާށް ލިބިފައިވެއެވެ.

ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން ރަން ވަނަ ހާސިލުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ކާޑު މަޝްރޫއާޢީ އިމިގްރޭޝަންގެ އީގޭޓް މަޝްރޫޢެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތް ހަލުވިކުރުމުގެ ދާއިރާއިން ރަން ވަނަ ހާސިލުކުރީ އެންސްޕާގެ “އީ-އެންސްޕާ” މަޝްރޫއުއެވެ.

ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން ރިހި އިނާމު ހާސިލްކުރީ މޯލްޑިވްސް އިމިގްރޭޝަންގެ “ދިވެހި ޕާސްޕޯޓް” މަޝްރޫއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތް ހަލުވިކުރުމުގެ ދާއިރާއިން ރިހި އިނާމު ހާސިލުކުރީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ “ބަނޑޭރި ޕޯޓަލް” މަޝްރޫޢުއެވެ.

މުވައްޒަފުންގެ ފަންނީ، ޢިލްމީ ޤާބިލިއްޔަތާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ދާއިރާއިން ސުވާސާ އިނާމް ހާސިލްކޮށްފައިވަނީ ކޮޅުމަޑުލު އަތޮޅު ކައުންސިލު އިދާރާއެވެ. ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން ސުވާސާ އިނާމު ހާސިލުކޮށްފައިވަނީ ބ. މާޅޮހު ކައުންސިލު އިދާރާގެ “ފެހިފަހި ގަސްކާނާ މަޝްރޫއެވެ.