ޚަބަރު

ރާއްޖެއާއި އައވަރީ ކޯސްޓާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފި



ދިވެހިރާއްޖެ އާއި ކޮޓްޑިވުއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރުމުގެ ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުކަމަށެވެ.. ކޮޓްޑިވުއާގެ ފަރާތުން ސޮއިކުރެއްވީ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު މިސްޓަރ ބާރނާޑް ޓަނޫހް-ބޫޗޯއާ އެވެ.

ކޮޓްޑިވުއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެއަދަދަކީ 167 އެވެ.

ކޮޓްޑިވުއާއަކީ ހުޅަނގު އެފްރިކާގެ ޤައުމެކެވެ. އާބާދީގައި ގާތްގަނޑަކަށް 24 މިލިއަން މީހުން އުޅޭ މި ގައުމުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ. ސިޔާސީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް، ދިވެހިރާއްޖެއާއި ކޮޓްޑިވުއާއަކީ ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ދެ ގައުމެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި އ.ދގައި ބަހުސްކުރެވޭ ގިނަ މައްސަލަތަކުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެމުން އަންނަ ދެ ޤައުމެވެ.