ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްބުރު ށ.ފޯކައިދޫއާއި، ފ.ނިލަންދޫގައި


އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ބުރުގެ މެޗުތައް މިމަހުގެ 21 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ރޭ އެފް.އޭ.އެމް ހައުސްގައި ކުރިޔަށްގެންދިޔަ ގުރުނެގުމުގައި ވަނީ، ފައިނަލް ރައުންޑުގައި ވާދަކުރާ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައެވެ. ފައިނަލް ބުރުގެ މެޗުތައް ކުރިޔަށްގެންދިއުމަށް އެފް.އޭ.އެމް އިން ނިންމާފައިވަނީ ފ.ނިލަންދޫ އަދި ށ.ފޯކާއިދޫގައެވެ.

އެގޮތުން ފ.ނިލަންދޫ އާއެކު އެރަށުގައި ބާއްވާ ފައިނަލް ބުރުގައި ވާދަކުރާ ޓީމްތަކަކީ، ޒޯން ހައެއްގެ ޗެންޕިއަން ތ.ތިމަރަފުށްޓާއި، ޒޯން ހަތެއްގެ ޗެންޕިއަން ގދ.ހޯޑެއްދޫއާއި، ޒޯން އަށެއްގެ ޗެންޕިއަން ސ.ހިތަދޫގެ އިތުރުން މިދިޔަ އަހަރުގެ ޕްރިމިއަރ ލީގުގައި ވާދަކުރި ދ.ކުޑަހުވަދޫއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ނިލަންދޫ ނިކުންނާނީ ތ.ތިމަރަފުށްޓާއި ދެކޮޅަށެވެ.

ށ.ފޯކާއިދޫއާއެކު އެރަށުގައި ކުޅޭ ފައިނަލް ބުރުގައި ވާދަކުރާ ރަށްތަކަކީ، ޒޯން ހަތަރެއްގެ ޗެންޕިއަން އދ.ފެންފުށްޓާއި، ޒޯން އެކެއްގެ ޗެންޕިއަން ހއ.މުރައިދޫއާއި، ޒޯން ތިނެއްގެ ޗެންޕިއަން ބ.ފެހެންދޫގެ އިތުރުން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރި އއ.މާޅޮސް ޓީމެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ށ. ފޯކައިދޫއާއި އދ. ފެންފުށްޓެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 4 އަދި މެއި 5 ވަނަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ މޭ މަހުގެ 10 ވަނަ ދުވަހު މާލޭގައެވެ.