އޯޓިޒަމަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަނުން އޯޓިޒަމް ހުންނަ ކުދިންނާ އެކު ޚާއްޞަ ޙަރަކާތެއް ބާއްވައިފިއެވެ.
އެގޮތުން އޯޓިޒަމް ހުންނަ ކުދިން މޯލްޑިވިއަންގެ ސީޕްލޭން އަށް ޒިޔާރަތްކޮށް އޮޕަރޭޝަންސް ކުރިއަށް ދާގޮތް ބަލާލުމުގެ ފުރުސަތު ވަނީ ދީފައެވެ. މޯލްޑިވިއަނުން ކުރިއަށް ގެންދިޔަ މިޙަރަކާތުގައި އޯޓިޒަމް ހުންނަ 30 ކުދިން ބައިވެރިވި ކަމަށް އެކުންފުނިން ބުނެއެވެ.
އަމީނިއްޔާ ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓާއި ގުޅިގެން ކުރިއަށްގެންދިޔަ މިޙަރަކާތަކީ އޯޓިޒަމް ހުންނަ ކުދިންނަށްވެސް މުޖުތަމާއުގެ ކަންކަމުގައި އެހެން މީހުނެކޭ އެއްފަދައިން ޝާމިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މި ޙަރަކާތުގައި ދަރިވަރުންވަނީ ސީޕްލޭނަށް އެރުމާއި ހެނގަރު އަދި ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ދާގޮތް ބަލާ ތަޖުރިބާކޮށްފައެވެ. ޙަރަކާތަށްފަހު މޯލްޑިވިއަނުން ވަނީ ބައިވެރި ދަރިވަރުންނަށް ޚާއްޞަ ހަދިޔާއެއްދީފައެވެ.
އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެޕްރީލް މަހުގެ ދެވަނަ ދުވަހެވެ.