ކުޅިވަރު

ސެމީގައި ރެއާލް އަށް ބަޔާން، ލިވަޕޫލަށް ރޯމާ


ޔުއެފާ ޗެމްޕިއަންސްލީގު ސެމީފައިނަލްގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކް ވާދަކުރަން ޖެހިއްޖެއެވެ. ސެމީފައިނަލްގައި މަޝްހޫރު ލިވަޕޫލް ވާދަކުރަން ޖެހުނީ ބާސެލޯނާ ކަޓުވާލި އިޓަލީގެ ރޯމާއާއެވެ.

ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުޞަތު ނެތްނަމަވެސް، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލް އޮތީ ޗެމްޕިއަންސްލީގުގައި ރަނގަޅު ފޯމެއްގައެވެ. ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ޔުވެންޓަސް ބަލިކޮށް، ސެމީފައިނަލުން ޖާގަ ހޯދި ރެއާލް ވާދަކުރަން ޖެހޭ ބަޔާން ވަނީ ވިދިވިދިގެން ހަ ވަނަ ފަހަރަށް ޖަރުމަން ލީގު ކަށަވަރުކޮށްފައެވެ. އެޓީމްވެސް އޮތީ ރަނގަޅު ފޯމެއްގައެވެ.

ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ އިނގިރޭސި ލީގު ޗެމްޕިއަންކަންކަމާ ފިޔަވަޅަކާ ދުރުގައި އޮތް މެންޗެސްޓާ ސިޓީ ކަޓުވާލައިފަ އެވެ. އިޓާލިއަން ލީގުގައި ރޯމާ ރަނގަޅު ފޯމެއްގައި ނެތް ނަމަވެސް ޗެމްޕިއަންސް ލީގުގައި އެ ޓީމު އަންނަނީ ނަތީޖާ ރަނގަޅު ކުރަމުންނެވެ. މި މެޗު ވެގެންދާނީ މިދިޔަ ސީޒަނަށް ފަހު ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވި މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗަށެވެ. ސަލާހަކީ މިވަގުތު ޔޫރަޕުގައި އެންމެ ފޯމުގައި ހުރި ފޯވަޑެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ އޭޕްރީލް 24 އަދި 25ގަ އެވެ. ދެ ވަނަ ލެގު ކުޅޭނީ އޭގެ ހަފުތާއެއް ފަހުންނެވެ.