ދީނާއި އަޅުކަން

ދީނީ ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމި ފޯރަމް މާދަމާ ފަށާނެ


ދީނީ ކަންކަމާއި ގުޅޭގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކަށް، ބައިނަލްއަޤްވާމީ ފެންވަރެއްގައި މަޝްވަރާކުރުމަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިސްލާމިކް ސެމިނަރގައި ބައިވެރިވާ ޤައުމުތަކުގެ ވަފުދުތައް ރާއްޖެ އަންނަންފަށައިފިއެވެ.

މި ސެމިނާގައި 15 ޤައުމަކުން ބައިވެރިވާއިރު، މިހާތަނަށް 5 ޤައުމެއްގެ މަންދޫބުން ވަނީ ރާއްޖެ އައިސްފައެވެ. އޭގެތެރޭގައި ހިމެނެނީ ނައިޖީރިއާއާއި، މެލޭޝިއާއާއި، ތުރްކީއާއި، ޓިއުނީޝިއާއާއި އިރާޤްގެ މަންދޫބުންނެވެ. މީގެއިތުރުން މިއަދު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ އިތުރު ޤައުމުތަކުގެ ވަފުދުތަކުގެތެރޭގައު، އިންޑިއާ، ކުވައިތް، ސޫދާން، ޖޯޑަން، ސީރިއާ، ޔޫއޭއީ، ޕާކިސްތާން، އިންޑޮނޭޝިއާ އަދި ސަޢުދީ ޢަރަބިއާ ހިމެނެއެވެ.

ދެދުވަހުގެ މުއްދަތައް ކުރުުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސެމިނާގައި ބައިނަލްއަޤްވާމީ ބޮޑެތި މުޢައްސަސާތައްކަމަށްވާ އޯއައިސީއާއި، އަރަބިލީގްއާއި، އަލް އަޒްހަރް ޔުނިވަރސިޓީފަދަ މުޢައްސަސާތަކުން ޖުމްލަ 35 މަންދޫބުން ބައިވެރިވާނެ. މި ސެމިނާގައި ރާއްޖެއިން ކަމާގުޅުންހުރި އިދާރާތަކުން 16 މަންދޫބުން ބައިވުރިވުމަށް ހަމަޖެހިފައިވޭ.

"ހައިލެވެލް ސެމިނަރ އޮން ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރ ޓެރަރިޒަމް"ގެ ނަމުގައި ބާއްވާ މި ސެމިނާއަކީ ދީނީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރުތަމަ ސެމިނާ. މި ސެމިނާ ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީއާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއާއި، ޖޯޑަން އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަމާއި، ޕީއެސްއެމް ގުޅިގެންނެވެ.

މި ފޯރަމްގައި ދިވެހިންގެ މެދުގައި އޮޅުންއަރަގޮތަށް ދީނީ މަޢުލޫމާތުފެތުރުމާއި، ސޯޝަލްމީޑިއާ މެދުވެރިކޮށް އޮޅުންއަރާގޮތަށް ފަތުރާ ތަފާތު ދީނީ ޚިޔާލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި ގުޅޭގޮތުން ދީނީ އިލްމުވެރިން ކަރުދާސް ހުށައެޅުން އޮންނާނެއެވެ.

މީގެއިތުރުން މިފަދަ ޚިޔާލުތަފާތުވުންތައް އުފެދުމަށް ދިމާވާ ސަބަބުތަކާއި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން، އަރަބި ބަހުންނާއި އިނގިރޭސިބަހުން ކަރުދާސް ހުށައަޅާ އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރުުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ މި ސެމިނާރ ފަށާނީ މާދަމާއެވެ.