މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 7 ބައިވެރިންގެ ހުށައެޅުން މިރޭ


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 7 ބައިވެރިންގެ ވާދަވެރި ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ 5 ވަނަ ޝޯވ މިރޭ އޮންނާނެއެވެ.
ގާލާ ރައުންޑުގެ 5 ވަނަ ޝޯވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. މިރޭގެ ޝޯވ "ރެގޭ" މި ތީމަށް ހާއްސަކޮށްފައިވާއިރު، މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ހިތްގައިމު ރީތި ހުށައެޅުންތަކެއް ފެނިގެންދާނެއެވެ.

މި ހަފްތާގެ ޝޯވގައިވެސް ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް އޮންނާނެއެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތައް ހަމަޖެހިފައިވާގޮތުން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅާނީ ޖަޖުންގެ 50 އިންސައްތަ މާކްސްއާއި، ސަޕޯޓަރުންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި ބޮޓަމް 3 އަކަށް ދަތުރުކުރާ ބައިވެރިންގެ ތެރެއިން އެ ހަފްތާގެ ޝޯވއިން ވަކިވާނެ ބައިވެރިއަކު އިޢުލާންކުރުން އޮންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ. އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތައް ގަދަ 12 ބައިވެރިންނާއެކު ފެށިނަމަވެސް، ގާލާ ރައުންޑުގެ 5 ވަނަ ޝޯވއާއި ހަމައަށްދިޔައިރު ބައިވެރިންގެ އަދަދު މިވަނީ 7 ވެއްޓިފައެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ވީހާވެސް ތަފާތުކޮށް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޓީމުން މަސައްކަތްކުރަމުންދާއިރު، އައިޑަލްއަށް އޮންނަ މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. ފްރެންޗައިޒް އުސޫލުން ކުރިއަށްގެންދާ މި ޝޯވއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވވެސްމެއެވެ.