ޚަބަރު

ކަސްރަތުކުރުމަށް ބާރުއެޅުމަށް ޑޮކްޓަރުންގެ ފަރާތުން ނަމޫނާ ދައްކައިފި


ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުން ޙާއްސަ ދުވުމެއް ބާއްވައިފިއެވެ.
"ޑޮކްޓަރސް ޑޭ ރަން" ގެ ނަމުގައި ބޭއްވި މި ދުވުމުގައި 100 އަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވެފައިވެއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އިސްނަގައިގެން ޑޮކްޓަރުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ދުވުން ފަށާފައިވަނީ މާލޭ ޓްރެކް ސަރަހައްދުންނެވެ. މި ދުވުމުގައި ރާއްޖޭގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. މި ދުވުން ކުރިއަށްދިޔައިރު ޑޮކްޓަރުން ވަނީ ދުވުން ކުރިއަށްދިޔަ މަގުތަކުގައި ހުރި ކުނިތައް ވެސް ނަގައި ސާފުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މި ދުވުމުގައި ބައިވެރިވި ބައެއް ޑޮކްޓަރުން ބުނީ މިއީ ޑޮކްޓަރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތްކަމަށެވެ. މި ދުވުމުގެ މަޤްޞަދަކީ ދުވުން ފަދަ ފިޒިކަލް އެކްޓިވިޓީތަކަކީ ޞިއްޙަތައް މުހިންމު ކަމެއްކަން އާންމުންނަށް އަންގައިދީ، ޑޮކްޓަރުންނަކީ ބަލިމީހުންނަށްށާއި މުޅި މުޖްތަމައަށްވެސް ނަމޫނާ ބަޔަކަށްވުންކަމަށެވެ.

މި ދުވުމުގައި ވެމްކޯއާއި، އައިރަނަރސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަން ލިބިފައިވަކަމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގައި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޭޕްރީލްމަހުގެ 18 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް 3 ހަފްތާއަށް ދެމިގެންދާނެކަމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މިގޮތުން މި ދުވަހާ ގުޅުވައިގެން ޑޮކްޓަރުންގެ މެދުގައި ކުރިއަށްގެންދިޔަ ބެޑްމިންޓަން، ޓީޓީ، ހޭންޑްބޯލް އަދި ނެޓްބޯލް މުބާރާތްތައް ވަނީ ނިމިފައެވެ. މީގެއިތުރުން މިހަފްތާގެ ތެރޭގައި ފުޑްސަލް ޓޯނަމެންޓަކާއި ޑޮކްޓަރުންގެ ދުވަހުގެ ޚާއްސަ ޑިނަރ ނައިޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑޮކްޓަރުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ލީޑް ބައި އެގްޒާންޕަލް" އެވެ.