ދުނިޔެ

އިލްހާމް އަލިޔޭވް ރިޔާސީ 4 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި


އަޒަރު ބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ރިޔާސީ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. އަޒަރުބައިޖާންގެ އިންތިޚާބުތަކާބެހޭ މައި މަރުކަޒުން ވަނީ ހަތް އަހަރުގެ އިތުރު ދައުރަކަށް ރައީސް އިލްހާމް އަލިޔޭވް އިންތިޚާބުވެވަޑައިގެންނެވިކަން އިޢްލާންކޮށްފައެވެ. އަޒަރުބައިޖާންގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ 85 އިންސައްތަ މީހުންގެ ތާއީދު ރައީސް އިލްހާމް އަލިޔޭވަށް ލިބިވަޑައިގެންނެވިއެވެ.

މިއިންތިޚާބުގައި އަލިޔޭވާ އެންމެ ގާތުން ވާދަކުރެއްވީ ޕޮޕިއުލަރ ފްރަންޓް ޕާޓީގެ ކެންޑިޑޭޓް ޙަސަން ގޮލިޔޭވެވެ. ގޮލިޔޭވާއެކު ހަތް ބޭފުޅަކު ރިޔާސީ އިންތިޚާބުގައި އަލިޔޭވާ ވާދަކުރެއްވިއެވެ.

އަޒަރުބައިޖާންގެ އިދިކޮޅު ޕާޓީތަކުގެ ތެރެއިން ހުޅަނގަށް ތާއީދުކުރާ ލިބަރަލް ޕާޓީތައްވަނީ މި އިންތިޚާބު ބޮއިކަޓްކޮށްފައެވެ. އެ ޕާޓީތަކުން ބުނީ އިންތިޚާބު ބޮއިކަޓްކުރީ، އިންތިޚާބަކީ މިނިވަން އިންތިޚާބަކަށް ވާނެކަމުގެ ޔަޤީންކަން ނެތުމުންކަމަށެވެ.

ނަމަވެސް އެ ޕާޓީތަކުން އިންތިޚާބު ބޮއިކޮޓްކުރީ ރައީސް އިލްހާމް އަލިޔޭވާ ވާދަކުރެވޭ ފަދަ، ރައްޔިތުންގެ ތާއީދު ލިބިފައިވާ ކެންޑިޑޭޓަކު ނެތުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.