ދުނިޔެ

ހަމަލާގެ ވަގުތު ގާތުގައިވުންވެސް އަދި ދުރުގައިވުންވެސް އެކަށީގެންވޭ- ޓްރަމްޕް


އެމެރިކާއިން ސޫރިޔާއަށް ދޭން ގަސްދުކުރާ ހަމަލާގެ ވަގުތު ގާތުގައިވުންވެސް އަދި ދުރުގައިވުންވެސް އެކަށީގެންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ އެމެރިކާގެ މިސައިލްތައް ސޫރިޔާއާ ދިމާއަށް ދަތުރުކުރާކަމަށާއި، އެކަމަށް ތައްޔާރުވުމަށް ވިދާޅުވެ، ޓްރަމްޕް ރަޝިޔާއަށް އިންޒާރުދެއްވިތާ ސައުވީސް ގަޑިއިރުވެސް ނުވަނީހެވެ. ބުދަ ދުވަހު ޓްރަމްޕް ރަޝިޔާއަށް އަމާޒުކުރައްވައި މިހެން ވިދާޅުވެފައިވަނީ، އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނުމަށް ފޮނުވާލާ ކޮންމެ މިސައިލެއް އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާނެކަމުގެ އިންޒާރު ރަޝިޔާއިން ދިނުމާގުޅިގެންނެވެ.

ރަޝިޔާއިން ވަނީ އެމެރިކާއިން ސޫރިޔާއަށް ހަމަލާދޭ މިސައިލްތައް ވައްޓާލުމުގެ އިތުރުން އެ ތަކެތި ފޮނުވާ ތަންތަންވެސް ހަލާކުކޮށްލާނެކަމަށް ބުނެފައެވެ. ޓްރަމްޕްގެ މި އިންޒާރާއެކު އެމެރިކާ އާއި ރަޝިޔާގެ އަސްކަރީ ކުރިމަތިލުންތަކެއް ސޫރިޔާގައި ހިނގައިފާނެކަމުގެ ބިރު ހީވެގެންދިޔައެވެ. އެހެންނަމަވެސް އެ އިންޒާރަށްފަހު އެމެރިކާގެ ހަމަލާއެއް ސޫރިޔާއަށް އަމާޒުވެފައިނުވާތީ އާއި ސޫރިޔާއަށް ދޭން ގަސްދުކުރާ ހަމަލާގެ ވަގުތު ގާތުގައިވުންވެސް އަދި ދުރުގައިވުންވެސް އެކަށީގެންވާކަމަށް ޓްރަމްޕް ވިދާޅުވުމުން ރަޝިޔާގެ އަސްކަރީ ބާރަށް ޖެހިލުންވެ، އެމެރިކާ ފަސްޖެހެންފަށާއިވާކަން އަސްކަރީ ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާ ފަސްޖެހެނީ ރަޝިޔާއިން ދޭ ރައްދު ހަމަލާ ސޫރިޔާގެ އުތުރުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށްފާނެކަމަށް ބެލެވިގެންކަމަށް މުހައްލިލުން ދެކެއެވެ. ސޫރިޔާގެ މައްސަލައިގައި ބުރާސްފަތި ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓްގައި، އެމެރިކާ ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ އެ ސަރަހައްދުގައި އައިއެސް ޖަމާއަތުގެ ބަލިކޮށްލުންކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. ރަޝިޔާއިން ވަނީ ހަމަނުޖެހުމަށް މެދުވެރިވާފަދަ ހަރުކަށި ޢަމަލުތަށް ނުހިންގުމަށް އެމެރިކާއަށް ގޮވާލާފައެވެ.