ޚަބަރު

އެމްއޭސީއެލްއިން ކާރގޯ އޮޓޮމޭޓަޑް ސިސްޓަމެއް ތަޢާރަފްކޮށްފި


މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓަޑް، އެމްއޭސީއެލް ކާރގޯ އޮޓޮމޭޓަޑް ސިސްޓަމް، ކޯސިސް ތަޢާރަފްކޮށްފިއެވެ.
އެމްއޭސީއެލްގެ 52ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްއައިއެޗްގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި މިސިސްޓަމް ލޯންޗު ކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފެވެ.
އެއަރޕޯޓް މުވައްޒަފުންނަށާއި، ވައިގެ މަގުން މުދާ އެތެރެކުރާ ކަސްޓަރަމުންނަށް ކާގޯވޓްރެކްކޮށް، އޭގެ ތަފްޞީލް ބެލުމުގެ ފުރުޞަތު ފަހިކޮށްދޭ ކޯސިސް ނިޒާމަކީ، ދުނިޔޭގެ 17 އެއަރޕޯޓެއްގައި މިހާރު ބޭނުންކުރަމުންދާ ސިސްޓަމެކެވެ. ކޯސިސް މެދުވެރިކޮށް އެމްއޭސީއެލްގެ ކާގޯ މުވައްޒަފުންނަށް މުދަލުގެ ހުރިހާ ތަފްޞީލެއް ބަލާލެވޭއިރު، އޮންލައިންކޮށް މުދާ އެތެރެކުރާ ފަރާތްތަކަށްވެސް މުދާ ދައުރުވަމުންދާގޮތާއި، މުދާ އެތެރެވާ ވަގުތު ޓްރެކް ކުރެވޭނެއެވެ. އެމްއޭސީއެލުން ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކޯސިސް މެދުވެރިކޮށް މުދަލަށް ފައިސާދެއްކޭނެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިކޮށްދޭނެކަމަށެވެ.