ޚަބަރު

ކިއުގައި ނުޖެހި ޗެކިން ކުރެވޭ ޚިދުމަތެއް ވީއައިއޭގައި ތަޢާރަފްކޮށްފި


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޗެކިންކައުންޓަރުގެ ކިއުގައި ނުޖެހި ޗެކިން ކުރެވޭ ޚިދުމަތެއް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަޢާރަފްކޮށްފިއެވެ.
މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ އެމްއޭސީއެލްގެ 52ވަނަ އަހަރީދުވަސް ފާހަގަކުރުމަށްޓަކާ ވެލާނާ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޗެކިންކައުންޓަރުގެ ކިއުގައި ނުޖެހި ޗެކިން ކުރެވޭގޮތަށް ވެލާނަ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަޢާރަފްކުރި ޚިދުމަތަކީ ކުޑަކުދިން ގޮވައިގެން ދަތުރުކުރާ ޢާއިލާތަކާއި، ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެންނެވެ. މި ޚިދުމަތަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ދަތުރުވެރިންނަށް ލިބުނު އުފާވެރި ހަބަރެކެވެ.

މޯލްބައިލް ޗެކްއިންގެ ނަމުގައި ދޭންފެށި މި ޚިދުމަތުގެ ސަބަބުން، ޗެއިން ކިއުގައި ޖެހުމުގެ ބަދަލުގައި ވަކިން އިށީންދެގެން ހަމަޖެހިލައިގެން އިނދެ ޗެކިންނާ ގުޅުން ހުރި ހުރިހާ ކަމެއް ކުރުމުގެ ފުރުސަތުލިބެއެވެ.

މިޚިދުމަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ.

"
"މޯބައިލް ޗެކިން ޚިދުމަތް ދިނުމަށް ޑިޕާޗަރ ޓާމިނަލުގައި ޚާއްސަ ސަރަޙައްދެއް ޤާއިމްކޮށްފައިވާނެ. އެހެންކަމުން ކުޑަކުދިން، ބަލިމީހުން، ދުވަސްވީ މީހުން، ނުކުޅެދުންތެރިކަންހުންނަ މީހުންގެ އާއިލާތަކުން އެފަރާތްތައް ގޮވައިގެން ދަތުރުކުރާނަމަ ޗެކްއިން ކައުންޓަރުގައި ނުޖެހި، ކަނޑައަޅާފައިވާ ތަނުގައި ހުރި ގޮޑީގައި އިށީނުމުން އެމްއޭސީއެލްގެ ސްޓާފުން ޓެބްލެޓް ހިފައިންގެ އައިސް ވެކިންނާ ގުޅުން ހުރި ހުރިހާ ކަމެއް ކޮށްދޭނެ"
ޢާދިލް މޫސާ

މިއަދު ތަޢާރަފްކުރި ޚިދުމަތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ މިއީ އެއަރޕޯޓުގެ ޚިދުމަތް ހޯދާފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމުގެގޮތުން ދޭންފެށި ޚިދުމަތެއްކަމަށެވެ.

އެމްއޭސީއެލްއިން ވަނީ އެކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.