ސީޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަށް ބޭނުންވާ އިސްލާހުތައް އަންނަ ހަފްތާގައި ބަންޑާރަ ނައިބުގެ އޮފީހުގެ ހުށައާޅާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. 
ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރަން ބޭނުންވި މައިގަޑު އެއް ސަބަބަކީ ޤާނޫނުގައި ހުރި ކަންކަން ރަގަޅުކުރުމަށް ޕާޓީތަކުގެ ހިޔާލު ހޯދުންކަމަށެވެ. ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިއަކީ ކޮމިޝަންކަމަށްވާއިރު ލަގަނެއް ނެތް އަހެއް ދޫކޮށްލާ ފައި އޮންނަ ގޮތަށް ޕާޓީތައް އޮންނަންޖެހޭ ޤާބޫލުނުކުރައްވާކަމަށެވެ.
ޝަރީފު ވިދާޅުވީ ސީޔާސީ ޕާޓީތަކަށް ގެންނަ  ބޭނުންވާ އިސްލާހުތައް އެކުލަވާލާ އަންނަ ހަފްތާގައި އޭޖީގެ އޮފީހަށް  ފޮނުވާނެކަމަށެވެ. އަދި އިސްލާހާއި އެކު ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވައިދުތައް ވީ އެންމެ އަވަހަކަށް ހަދާ ޕާޓީތައް ބެލެހެއްޓޭނެ  ހަރުދަނާ މެކޭނިޒަމެއް ޤާއިމުކުރައްވާނެކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށް އެ ކޮމިޝަނުން  ދިން ދައުވަތު އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ޤަބޫލުނުކުރުމުން އެކަމާއި ހިތާމަކުރައްވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 
 
ޕާޓީތަކާއި އެކު ބޭއްވި މަޝްވަރާތަކުގައި އިންތިހާބާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތައް މަޖިލިސް މެދުވެރިކޮށް އަވަހަށް ފާސްކޮށްދިނުމަށް ޕާޓީތަކުގައި އެދިފައިވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ތާވަލާއި އެއްގޮތަށް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށާއި އެކަން ހުއްޓުވުމުގެ ފުރުސަތު އެއްވެސް ޕާޓީއަކަށްވެސް ނުވަތަ އެެއްވެސް މުއައްސަސާއަކަށްވެސް ނުދޭނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 
ޝަރީފު ވިދާޅުވީ މުޅިން އަލަށް 2 ސިޔާސީ ޕާޓީއެއް ހެދުމަށް ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން އެއް ޕާޓީ ރަޖިސްޓްރީކޮށް ނުދެވޭނެކަން އެ ފަރާތައް އަންގާފައިވާނޭކަމަށާއި އެގޮތަށް ނިންމަން ޖެހުނީ ޤާނޫނާއި އެއްގޮތަށް ކުރަންޖެހޭ ކަންކަން ކޮށްފައިނުވާތީކަމަށެވެ. އަދި އަނެއް ޕާޓީއާއި މެދު ގޮތެއް ނިންމާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކަމަށާއި އެ މަސައްކަތް ނިމުމުން އަލަށް ރަޖިސްޓްރީކުރަން ހުށައެޅި ޕާޓީތަކުގެ މައުލޫމާތު އާއްމުކުރައްވާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.