ޚަބަރު

ބޭނުންވާ އިޞްލާޙީ މަސައްކަތްތައް ކުރެވޭނީ ޕާޓީތަކުން މަޝްވަރާކޮށްގެން- އެމްޑީއޭ


ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ބޭނުންވާ އިޞްލާޙީ މަސައްކަތްތައް ކުރެވޭނީ ހުރިހާ ޕާޓީތަކުންވެސް އެއްމޭޒުދޮށަށް އައިސް މަޝްވަރާކޮށްގެންކަމަށް އެމްޑީއޭއިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ ބައްދަލުވުމުގެ ތެރެއިން އެމްޑީއޭއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނާއިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ހުރިހާ މަސްލަހަތަކީ އެޕާޓީގެ ލީޑަރޝިޕްގެ މަސްލަހަތު ނޫންކަމަށާއި، އެ ޕާޓީއެއްގެ ޢާންމު ހުރިހާ މެންބަރުންގެ މަސްލަހަތަށްވެސް އިސްކަން ދޭންޖެހޭކަމަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތައް ބޭނުންވާ އިސްލާޙީ މަސައްކަތްތަކާއި ބަދަލުތައް ގެނެވޭނީ އިލެކްޝަންސް ކޮމިޝަނާއެކު ޕާޓީތައް އެއްމޭޒެއްގެ ކައިރިއަށް އައިސް މަޝްވަރާކުރެވިގެންކަމަށް އާމިރު ވިދާޅުވިއެވެ.

"
މިހާރު މިއޮތް ސިޔާސީ ހަލަބޮލިކަންވެސް ހައްލުކުރެވޭނީ މަޝްވަރާކުރެވި އިސްލާޙީ ވާހަކަތަކެއް ދެކެވިގެން. ނަމަވެސް އެކަމަށް އިދިކޮޅުން އިޖާބަ ނުދޭތަން މިފެންނަނީ.
އަޙްމަދު އާމިރު

އެމްޑީއޭގެ ނާއިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މައުރޫފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަކީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބަލަދުވެރި ފަރާތްކަމަށްވާއިރު، އެކޮމިޝަންގެ އެންގުންތަކަށް ހުރިހާ ޕާޓީތަކުންވެސް ބޯލަނބަން ޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ޕާޓީތަކާ ބެހޭ ޤާނޫނަށާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ވަރަށް ގިނަ މުހިންމު އިސްލާޙުތަކެއް ގެނެވިފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކުރިންވެސް މުހިންމު އިސްލާޙުތަކެއް ގެންނަންހުރިކަން ފާހަގަކުރައްވާ ޢަލީ މަޢުރޫފް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނާއެކު ކުރެވުނީ ވަރަށް މުހިންމު މަޝްވަރާތަކެއްކަމަށެވެ. ޚާއްޞަކޮށް ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުން އަންނަ މުހިންމު މަސައްކަތްތައް އެނގިގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނަކީ މުސްތަޤިއްލު ކޮމިޝަނެއް. މިއަދު އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ ޤަބޫލްކުރާކަމަކީ އެބޭފުޅުން ބޭނުމެއްނުވޭ އިންތިޚާބަކަށް ދާކަށް. އެބޭފުޅުން ބޭނުންވަނީ ޤާނޫނާ ޚިލާފަށް މަގުމަތިން ސަރުކާރު ވައްޓާލަން. އެއީ ސިޔާސީ ޕާޓީތަކުގެ މެންޑޭޓްގައި ހިމެނޭ ކަމެއްނޫން." މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ބަދަލުކުރެވޭނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަމަށާއި، ޤާނޫނުގެ ތެރެއިން އެކަން ކޮންމެ ސިޔާސީ ޕާޓިއަކަށްވެސް ކުރެވިދާނެކަމަށް މަޢުރޫފް ވިދާޅުވިއެވެ. ނަމަވެސް މަގުމައްޗަށް ނުކުމެ ޤާނޫނީ ވެރިކަން ވައްޓާލުމަށް އެޕާޓިން ދުވަހަކުވެސް ތާއީދު ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ މަޢުރޫފް ވިދާޅުވީ އިންތިޚާބަށް ވަރަށް ފުރިހަމައަށް ތައްޔާރުވާނެކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދެއްވާފައިވާކަމަށެވެ.