ދުނިޔެ

ޒަކަބަރގް ސެނެޓަށް ހާޒިރުކޮށްފި


ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އެޕް ފޭސްބުކްގެ ނާޖާއިޒުފައިދާ ނެގުމަށް މަސައްކަތްކުރާ ރަޝިޔާގެ ހެކަރުންނާ އަބަދުވެސް ކުރިމަތިލާން ޖެހޭކަމަށް ފޭސްބުކްގެ ބާނީ އަދި ފޭސްބުކް ކުންފުނީގެ އިސްވެރިޔާ މާކް ޒަކަބަރގް ވިދާޅުވެއްޖެއެވެ. ފޭސްބުކް ކުންފުނީގެ ސީ.އީ.އޯ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓްގައި ބޭއްވި އަޑުއެހުމެއްގައެވެ.

އެ އަޑުއެހުމަކީ ފޭސްބުކް ބޭނުންކުރާ 87 މިލިއަން މީހެއްގެ މަޢުލޫމާތު، މާކެޓިންގް ކުންފުނި ކެމްބްރިޖް އެނެލެޓިކާއަށް ލިބުނު މައްސަލައިގައި ސެނެޓްގެ ކޮމިޓީތަކުން ގުޅިގެން ބޭއްވި ޙާއްސަ އަޑުއެހުމެކެވެ.

ސެނެޓްގެ މެމްބަރުންނާ މުޙާތަބްކުރައްވާ ވާހަކަދައްވަމުން ޒަކަބަރގް ވިދާޅުވީ، މީހުންގެ މަޢުލޫމާތު މި ގޮތަށް އެއްކުރުން ހުއްޓުވުމަށް ފޭސްބުކް ކުންފުނިން އިތުރު ފިޔަވަޅުތައް އަޅަން ޖެހޭކަން ބަލައިގަންނަކަމަށެވެ.

އަދި ކެމްބްރިޖް ކުންފުންޏަށް މި މަޢުލޫމާތު ދިންއިރު، އެ ކުންފުނިން މަޢުލޫމާތުގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް ޤަބޫލުކުރެވުނުކަމީ، ފޭސްބުކް ކުންފުންޏަށް ހެދުނު ގޯހެއް ކަމަށްވެސް ޒަކަބަރގް ވިދާޅުވިއެވެ. ޒަކަބަރގް ވިދާޅުވީ، ފޭސްބުކްގެ ނާޖާއިޒު ފައިދާ ނެގުމަށް ރަޝިޔާގެ ހެކަރުން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަން ހުއްޓުވުމަށް އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިތޯ ބެލުމަށް އެމެރިކާއިން ހިންގަމުންދާ ތަހްޤީޤުގައި ފޭސްބުކްގެ ބައެއް މުވައްޒަފުންނާ ސުވާލުކޮށްފައިވާ ކަމަށްވެސް ޒަކަބަރގް ވިދާޅުވިއެވެ. އަދި މިކަމުގައި އެމެރިކާގެ ތަހްޤީޤީ ޕެނެލާއެކު އެ ކުންފުނިން މަސައްކަތް ކުރަމުންދާކަންވެސް ޒަކަބަރގް ފާހަގަކުރެއްވިއެވެ.