ކުޅިވަރު

މޯލްޑިވިއަންއާއި އެމްޕީއެލް ކްލަބް މޯލްޑިވްސްކަޕް ސެމީއަށް


ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ މޯލްޑިވިއަންއާއި އެމްޕީއެލް ކަށަވަރުކޮށްފިއެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗު އުރީދޫ އާއި ވާދަކޮށް މޯލްޑިވިއަން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމައިރު 5-5 ލަނޑުން، އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 9-8 ލަނޑުން ކުރި ހޯދައިގެންނެވެ.
މި މެޗުގައި އުރީދޫން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ހާފިޒް އަހުމަދުއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ)އެވެ. މޯލްޑިވިއަން ޓީމުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާންއެވެ. އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހަމްދާން އަބްދުއްސައްތާރު އާއި ހުސައިން އަފްޒަލްގެ އިތުރުން އަހުމަދު އަބްދުލް އަޒީޒުއެވެ.

މުބާރާތުގެ ކުއާޓާރ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އެމްޕީއެލް އިން ކްލަބް އެމްޓީސީސީގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުންނެވެ. މި މެޗުގައި އެމްޕީއެލް ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝިފާއުއާއި ހުޝާމް އިބްރާހިމްއެވެ. މި މެޗުގައި ކްލަބް އެމްޓީސީސީ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އަކްމަލް މުހައްމަދުއެވެ. މި ނަތީޖާއާއެކު ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ މޯލްޑިވިއަން އާއި އެމް.ޕީ.އެލަށް ވަނީ ކަށަވަރުވެފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ކަށަވަރުވާނީ، މިރޭ ކުޅޭ ކުއާޓަރ ފައިނަލުގެ ދެ މެޗު ނިމުމުންނެވެ. އެގޮތުން ކުއާޓަރ ފައިނަލުގެ ތިން ވަނަ މެޗުގައި މިރޭ ދިރާގު ނިކުންނާނީ ކްލަބް ޓީސީއެލް އާއި ދެކޮޅަށެވެ. އަދި ކުއާޓަރގެ ފަހު މެޗުގައި އެލައިޑް ނިކުންނާނީ ކްލަބް އެޗްޑީސީ އާއި ދެކޮޅަށެވެ.