ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ ރަށްތައް ކަށަވަރުވެއްޖެއެވެ.

ފައިނަލް ބުރުގައި ވާދަކުރާ ރަށްތަށް ކަށަވަރުވީ އިއްޔެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ފެންފުށި، އަދި ޒޯން އަށެއްގެ ޗެމްޕިއަންކަން ސ.ހިތަދޫ ހޯދުމުންނެވެ.
ޒޯން އަށެއްގެ ޗެންޕިއަންކަން ހިތަދޫ ފުޓްބޯޅަ ޓީމު ހޯދީ ފައިނަލްގެ ދެ ލެގުގައިވެސް ފުވައްމުލަކު ސިޓީގެ ދޫޑިގަން ފުޓްބޯޅަ ޓީމާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. އިއްޔެ ކުޅުނު ދެވަނަ ލެގު ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. އަދި ފުރަތަމަ ލެގު ކާމިޔާބުކުރީ 2-0 ނެވެ.
އިއްޔެ ކުޅުނު ދެވަނަ ލެގުގައި ހިތަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެޑެލެކާ ޑޭވިޑް އޮސަގީ އާއި އަހުމަދު އިބްރާހިމްއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ދޫޑިގަން ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަސްރަހްއެވެ.

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ.ފެންފުށި ހޯދީ ދެވަނަ ލެގުގައި ހިންމަފުށްޓާ ވާދަކޮށް، 1-0 ން މޮޅުވެ، ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު 2-1 ން ހިންމަފުށި ކާމިޔާބުކުރި ނަމަވެސް ފެންފުށްޓަށް ޗެމްޕިއަންކަން ލިބުނީ އަވޭ ގޯލުންނެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ރައުންޑްގެ މެޗުތައް ފެށުމަށް އެފް.އޭ.އެމް އިން ތާވަލްކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ފައިނަލް ރައުންޑުގެ މެޗުތައް ކުޅޭނެ ރަށެއް އަދި އެފްއޭއެމްއިން ނުނިންމައެވެ.

މި އަހަރުގެ ފައިނަލް ރައުންޑުގައި ވާދަކުރާ ރަށްތަކަކީ، ޒޯން އެކެއްގެ ޗެންޕިއަން ހއ.މުރައިދޫ، ޒޯން ދޭއްގެ ޗެންޕިއަން ށ.ފޯކައިދޫ، ޒޯން ތިނެއްގެ ޗެންޕިއަން ބ.ފެހެންދޫ، ޒޯން ހަތަރެއްގެ ޗެންޕިއަން އދ.ފެންފުށި، ޒޯން ފަހެއްގެ ޗެންޕިއަން ފ.ނިލަންދޫގެ އިތުރުން ޒޯން ހައެއްގެ ޗެންޕިއަން ތ.ތިމަރަފުށްޓާއި ޒޯން ހަތެއްގެ ޗެންޕިއަން ގދ.ހޯޑެއްދޫ އަދި ޒޯން އަށެއްގެ ޗެންޕިއަން ސ.ހިތަދޫއެވެ.
މިރަށްތަކުގެ އިތުރުން މިއަހަރުގެ މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރުގައި ދެން ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕުގެ ގަދަ ހަތަރެއްގައި ހިމެނި، ދިވެހި ޕްރިމިއަރ ލީގުގައިވެސް ވާދަކުރި އއ.މާޅޮހާއި ދ.ކުޑަހުވަދޫއެވެ. ގަދަ ހަތަރެއްގައި ހިމެނުނު ށ.މިލަންދޫ އާއި ގދ.ތިނަދޫ މި އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގައި ބައިވެރިއެއްނުވެއެވެ.