ކުޅިވަރު

އަނެއްކާވެސް ދަގަނޑޭގެ މައްޗަށް ޗެތުރީ ކުރި ހޯދައިފި


ބެންގަލޫރު އެފްސީ އަކީ ފަހުވަގުތު ގޯލުޖަހާ ޓީމަކަށްވާތީ ނިއުއިން އެކަމަށް ސަމާލުވާނެ ކަމަށް ބުނެގެން ކުޅުނު މެޗުގައި، ބެންގަލޫރު އެފްސީން ފަހު މިނިޓްގައި ޖެހި ގޯލުން 1-0 ން ނިއު މިރޭ ބަލިވެއްޖެ އެވެ.

އިންޑިޔާގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ބެންގަލޫރުގެ ހަމައެކަނި ގޯލު ޖެހީ ގައުމީ ކެޕްޓަން ސުނިލް ޗެތްރީ ހުސްކޮށްދިން ބޯޅަ އަކުން މުޅިން ހުސްކޮށް ހުރެފައި ނިޝޫ ކުމާރެވެ. މިއީ އޭއެފްސީކަޕް ގްރޫޕް ސްޓޭޖްގައި ސަރަހައްދުގެ އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާޤު (ދަގަނޑޭ) އާއި މެޗުގެ ފަހު ވިހި މިނިޓަށް ކުޅެން ނުކުތް އިންޑިޔާގެ ސުނިލް ޗެތްރީގެ ކުރިމަތިލުމުގައި ޗެތްރީ ކުރި ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި މިއީ ބެންގަލޫރު އެފްސީ އަތުން ދިވެހި ޓީމުތައް ޖެހިޖެހިގެން ބަލިވި ތިން ވަނަ އަހަރުވެސްމެ އެވެ.

މެޗުގެ ފަހު މިނިޓްގައި ބެންގަލޫރު ޖެހި ލަނޑުގެ ކުރިން ޕެނަލްޓީ އޭރިޔާ ތެރެއަށް ޗެތްރީ ބޯޅައާއެކު ވަން ފަހުން، ނިއުގެ އެންޖެލް ރުއިޒް (ކަންޑޭލާ) ފަހަތުން އައިސް އޭނާ ވައްޓާލުމުން އެއީ ޕެނަލްޓީއެއްކަމަށް ބުނެ ބެންގަލޫރު އެފްސީގެ ކުޅުންތެރިންނާއި، ކޯޗާއި އޮފިޝަލުން ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. އެޝަކުވާތަކަށް ފަހު ބެންގަލޫރު އެފްސީގެ ކޯޗު އަލްބަޓް ރޮކާ ވަނީ ބެންޗުންވެސް ފޮނުވާލާފައެވެ.

މިރޭގެ މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށް ނިއުއިން ރަނގަޅަށް ކުޅެ، ފުރުޞަތުވެސް ތަނަވަސްކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފުރުޞަތެއް ނުރައްކާތެރި ފުރުޞަތަކަށް ބަދަލެއް ނުކުރެވުނެވެ.

މިބައްޔާއެކު ބެންގަލޫރު އެފްސީ އަތުން ރާއްޖޭގެ ޓީމްތައް މޮޅުނުވުމުގެ ސިލްސިލާއާއި، އަޝްފާޤަށް ޗެތްރީގެ މައްޗަށް ކުރި ނުހޯދުމުގެ ސިލްސިލާ އަށް ނިމުން ގެނައުމަށް ދެން އޮތް ފުރުސަތަކީ މި ދެ ޓީމު މާލޭގައި ކުޅޭ މެޗެވެ. އަދި އެ މެޗަކީ އޭއެފްސީކަޕްގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިން ގެއްލުނަ ނުދިނުމަށް ނިއު ކޮންމެހެން ވެސް މޮޅުވާނެޖެހޭ މެޗެކެވެ.