ޚަބަރު

ހުޅުމީދޫ ވެމްކޯ އޮފީހުގައި ރޯވެއްޖެ


އައްޑޫސީޓީ ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދު މެންދުރުފަހު 15:00 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ހިތަދޫގައި ހުންނަ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން ވަނީ އަލިފާން ނިވަން ބޭނުންކުރާ އާލާތްތަކާއެކު އެ ސަރަޙައްދަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހަވީރު 17:00 ހާއިރުކަމަށް ޕީއެސްއެމްގެ އައްޑޫ ބިއުރޯއިން މަޢުލޫމާތު ދެއެވެ.

މިޙާދިސާ އާ ގުޅިގެން އެމްއެންޑިއެފުން ކޮށްފައިވާ ޓްވީޓް

މިހާދިސާގައި އެ ސައިޓުގައި ހުރި ބައެއް އިމާރާތްތަކަށާއި މެޝިނަރީޒްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ޕީއެސްއެމްއަށް މައުލޫމާތް ދެއްވަމުން ވެމްކޯގެ ސައުތު ރީޖަން ފެސިލިޓީސް މެނޭޖަރ ޢަބްދުﷲ ނާފިޒް ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ފުރާޅުގެ %90 އަނދާފަވާކަމަށާއި، އަދި ހުރިހާ ކަރަންޓް ވައިރުތައްވަނީ އެއްކޮށް އަނދާފަކަމަށެވެ. ނަމަވެސް އޮފީސް ތެރޭގަ ތިބި ކޮމްޕިއުޓާރ ސިސްޓަމް ފަދަ ތަކެތި ސަލާމަތްކުރެވުނުކަން އޭނާ ފަހަގަކުރެއްވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ހުޅުމީދޫ ސައިޓަކީ ވެކްމޯގެ އޮފީހާއި ކުނިކޮށި ހިމެނޭ ސަރަޙައްދެވެ.