ކުޅިވަރު

ޕީއެސްއެމްއާ ގުޅިގެން ވަރލްޑްކަޕް ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި


ޕީއެސްއެމްއާއި ގުޅިގެން ފީފާ ވަރލްޑްކަޕް ދެއްކުމާއި، ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގައި އިޝްތިހާރު ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވަރލްޑްކަޕްގެ ރާއްޖޭގެ ހުރިހާ ރައިޓްސްއެއް ޕީއެސްއެމްއިން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިންގ ރައިޓްސްއާއި، މޮބައިލް ރައިޓްސްއާއި، ކޭބަލް ރައިޓްސް ހިމެނެއެވެ. އަދި އެވަޞީލަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމުގެ ހައްޤުވެސް އޮތީ ޕީއެސްއެމްއަށެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލްލަތީފް ވިދާޅުވީ، އުޞޫލުތަކުގެ ތެރެއިން ހުއްދަ ހޯދައިގެން، ޕީއެސްއެއްމާއި ގުޅިގެން ކުރިއަށް ދިއުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށްވެސް އެބައޮތްކަމަށެވެ. އެގޮތުން އެހެން ޗެނަލްތަކުން ވަރލްޑްކަޕް ދެއްކުމުގެ ފުރުޞަތު އޮތްކަމަށްވެސް ވިދާޅުވިއެވެ. ކޮޕީ ރައިޓްސްއާއި، ފިކުރީ މުދަލަށް ރައްކާތެރިވުމުގެ މުޙިއްމުކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ އެހައްޤުތައް ކަށަވަރުކުރުމަށް ޕީއެސްއެމްއިން މަސައްކަތްކުރައްވާނެކަމަށެވެ.

" އަޅުގަނޑުމެންނާ ގުޅިގެން މިކަން ކުރިއަށް ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދައުވަތު އަރުވަން. މިމުބާރާތް އެކިއެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފަ މިވަނީ. ކޭބަލް ޓީވީ މެދުވެރިކޮށް މުބާރާތް ދައްކަން ބޭނުންވާ ފަރާތްތަކަށްވެސް އަދި އިންޓަރނެޓް މެދުވެރިކޮށް ބްރޯޑްބޭންޑް ޚިދުމަތުގެ ތެރެއިންލާފަ މުބާރާތް ގެނެސްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް އަޅުގަނޑުމެންނާ ގުޅިގެން ދިވެހިރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުޞަތު އޮންނާނެ " އިކްރާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ވަރލްޑްކަޕްގެ މެޗުތައް ޢާއްމު ތަންތަނުގައި ސްކްރީން ބަހައްޓައިގެން ދައްކާ، ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނަމަވެސް ޕީއެސްއެމްގެ ހުއްދަ ހޯދަންޖެހޭނެއެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ޑިރެކްޓަރ އީ ކޮމާރސް އިބްރާހީމް ނަސްރީން ވިދާޅުވީ އެއީ ހުޅުވާލެވިފައި އޮތް ފުރުޞަތެއްކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ އުޞޫލުގެ ތެރެއިން ހުއްދަ ހޯދައިގެންކަމަށެވެ. އެފަދަ ފަރާތްތަކަށް އެހީތެރިވެ، އެފަރާތްތައް ޕްރޮމޯޓްކޮށްދިނުމުގައިވެސް ޕީއެސްއެމް ބައިވެރިވާނެކަމަށް ނަސްރީން ވިދާޅުވިއެވެ. އަދި ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ދެއްވާނެކަންވެސް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންނާ ޖޮއިންވާ މީހުން އަޅުގަނޑުމެން އިތުރަށް ޕްރޮމޯޓްކޮށްދޭނަން. މިސާލަކަށް މާލޭގެ އެކި ހިސާބުތަކުގައި މެޗުތައް ދައްކާ ފަރާތްތައް އަޅުގަނޑުމެންނާ އޮންބޯޑްވެގެން އަޅުގަނޑުމެން ޕްރޮމޯޓްކޮށްދޭނަން. އޭރުން ފޯރި އިތުރަށް ގަދަވާނެކަމަށް ޤަބޫލުކުރެވޭ." ނަސްރީން ވިދާޅުވިއެވެ.

ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖް މިހާރުވެސް ވަނީ ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވަރލްޑްކަޕާއި، ގުޅޭ ރިޕޯރޓްތަކާއި ކުޅުންތެރިންގެ މައުލޫމާތުތައް ދަނީ ފޯރުކޮށްދެމުންނެވެ.