ދުނިޔެ

ދޫމާއަށް ދިން ހަމަލާ އ.ދ. މެދުވެރިކޮށް ތަޙުޤީޤުކުރަން އެމެރިކާއިން ކުރާ މަސައްކަތް


ސޫރިޔާގެ އިރުމަތީ ޣޫޠާގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަޙައްދެއް ކަމަށްވާ ދޫމާގައި ދިން ކަމަށް ތުހުމަތުކުރާ ކެމިކަލް ހަމަލާ ތަހްޤީޤުކުރުމަށް އދގެ ޓީމެއް އެކުލަވާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހަށް ޕްރޮޕޯސަލެއް ހުށަހެޅުމަށް އެމެރިކާއިން މަސައްކަތް ފަށައިފިއެވެ.
ދޫމާގެ ޙަމަލާގެ ފަހަތުއިވާ ފަރާތެއް އަދި ކަށަވަރުކުރެވިފައި ނުވާއިރު، ސޫރިޔާ އާއި ރަޝިޔާއިން ބުނެފައިވަނީ ސޫރިޔާގެ އަސްކަރިއްޔާއިން އެ ޤައުމުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ނުވާކަމަށެވެ.
އެމެރިކާއިން މިހާރު މަސައްކަތް ކުރަމުންދަނީ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް، އެ ހަމަލާ ތަހްޤީޤުކުރާނެ ޓީމެއް އެކުލަވާލުމަށެވެ. އެމެރިކާއިން މީގެ ކުރިން ވެސް މި ފަދަ ޤަރާރެއް ހުށަހެޅުމަށް މަސައްކަތް ކުރިއެވެ. އަދި މި ފަހަރުގެ ޤަރާރުގެ ވޯޓެއް ނެގުމަށް އެމެރިކާއިން އަންގާރަ ދުވަހު ގޮވާލާނެކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، ސޫރިޔާއަށް ވާގިވެރިވެދޭ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ރަޝިޔާއިން މިފަދަ ޤަރާރެއް ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ. އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްވާނީ 15 މެމްބަރު ޤައުމުގެ ތެރެއިން 9 މެމްބަރު ޤައުމުން ވޯޓު ދީ، ދާއިމީ ފަސް މެމްބަރުންގެ ތެރެއިން އެއްވެސް ޤައުމެއް އެ ޤަރާރު ވީޓޯ ނުކުރާ ޙާލަތްތަކުގައެވެ.
ސޫރިޔާގައި ސިއްހީ އެހީދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ ދޫމާގައި ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގައި 60އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.