ސިއްހަތު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާނަމަ، ދާންވީ އައި.ޖީ.އެމް.އެޗަށް!


ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް، އެހީތެރިވުމަށް އައި.ޖީ.އެމް.އެޗުގައި ދާދިފަހުން ޤާއިމުކުރި ސްމޯކިންގ ސެސޭޝަން ކްލިނިކަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައިވެސް ޢުމުރުން ދުވަސްވީ ފަރާތްތަކާއި ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ޢާއްމުވެފައިވާއިރު، އެކަމުން ދުރުހެލިވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާ މި ކްލިނިކް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ދުންފަތަކީ އޭގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުން، ނުރައްކާތެރި އެތައް ބަލިތަކަކަށް އިންސާނާގެ ހަށިގަނޑު ހުށައަޅައިދޭ އެއްޗެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ހަދާފައިވާ ދިރާސާތައް ދައްކާގޮތުން، އެކި އެކި ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ 70 އިންސައްތައަކީ ދުންފަތާއި ސީދާގޮތުން ގުޅިފައިވާ މީހުންނެވެ. ދުންފަތުގެ ސަބަބުން ފެތުރޭ ބަލިތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ހިތާމައަކީ މި ކުޑަ ކުޑަ ދިވެހިރާއްޖޭގައިވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދު ނޫންކަމެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވެފައި، ޒުވާނުންގެ ތެރޭގައި މިފަދަ ނުރަނގަޅު ސިފައެއް ޢާއްމުވަމުން ދިއުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިއަދު ވިސްނާލުން މުހިއްމުކަމެކެވެ. ދުންފަތުގެ ޒަރިއްޔާއިން ޖެހޭ ފުއްޕާމޭގެ ބަލިތައް ޚާއްސަކޮށް ނޭވާ ހިއްލުންފަދަ ބަލިތަކަކީ މިހާރު ރާއްޖޭގައިވެސް ޢާއްމު ބަލިތަކެކެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ކޮންޓްރޯލްކުރުމަށްޓަކައި ދަޢުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާއިރު، ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އައި.ޖީ.އެމް.އެޗުގައި ސްމޯކިން ސެސޭޝަން ކްލިނިކެއް ހުޅުވައި މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ. މި ކްލިނިކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ކައުންސިލިންގ ދިނުމުގެ އިތުރުން، ނިކޮޓިން އެޑިކްޝަނުން ސަލާމަތްވުމަށް ބޭނުންވާ ފަރުވާއާއެކު ގިނަ ވަސީލަތްތަކެއް ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް މެންދުރު އެކަކުން ތިނަކަށް މި ކްލިނިކް ހުޅުވާފައި ހުންނައިރު، ޚިދުމަތަށް އެދި ނަންނޯޓު ކުރުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށްވެސް އައި.ޖީ.އެމް.އެޗުން ބުނެއެވެ.

މި ކްލިނިކުން ފޯރުކޮށްދޭ މުހިއްމު ޚިދުމަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައި.ޖީ.އެމް.އެޗްގެ ކޮންސަލްޓަންޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މި ކްނިކް މެދުވެރިކޮށް ޢާއްމުންނަށް ދުންފަތުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބަލިތަކަކީ ކޮބައިކަން އަންގައިދީ، އެކަމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް ކައުންސެލިންގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. އަދި ބަލި މީހާގެ ހާލަތު ދެނެގަތުމަށްފަހު، އިތުރު ފަރުވާ ބޭނުންވާނަމަ، ޑޮކްޓަރަށް ދެއްކުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށެވެ.

ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ހަމައެކަނި ބޭސްތަކެއް ދީގެން ޢާއްމުން ދުންފަތާއި ދުރުހެލި ކުރުވުމަކީ އެ ކްލިނިކެއް ވިސްނުމެއް ނޫންކަމަށާއި، ބޭނުންވަނީ ބަލިމީހާ އޭނާ އަމިއްލަށް ބޭނުންވެގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ހިތްވަރުދީ، އެކަމަށް މަގުފަހިކޮށްދިނުންކަމަށެވެ.

"
"އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ ހުސްއެކަނި ބޭސްތަކެއް ދިނުމެއް ނޫން. ބޭސް ބޭނުންވާ މީހުން އެހާ ގިނައެއް ނޫން. ބޭސް ބޭނުންވާ ޙާލަތަކަށް ގޮސްފިނަމަ، އެ ހާލަތު ދެނެގަތުމަށްޓަކައި އަޅުގަނޑުމެންގެ މިހާރުވެސް ތަމްރީން ކުރެވިފައިތިބޭނެ 24 މުވައްޒަފުން. އެހެންވީމަ އެމީހެއްގެ ހާލަތު ދެނެގަތުމަށްފަހު، ކައުންސެލިންގ ދޭނަން. މީގެ އެބަހިމެނޭ ބިހޭވިރިއަލް ތެރަޕީވެސް. އަޅުގަނޑުމެން ކިޔައިދޭނަން ބަލިމީހާ އަމަލުކުރަންޖެހޭނެ ގޮތްތަކާއި، ކަމެއް ދިމާވެއްޖެ ޙާލަތެއްގައި ދެން ކަންތައް ކުރަންވީގޮތްވެސް."
ޑރ. މުޙައްމަދު އިސްމާޢީލް

އައި.ޖީ.އެމް.އެޗްގެ ސްމޯކިންގ ސެސޭޝަން ކްލިނިކަށް މިހާރުވެސް ޢާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މިއީ އާސަންދަ މެދުވެރިކޮށް މުޅިން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއްކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ. އައި.ޖީ.އެމް.އެޗުގައި އެޑްމިޓްކުރާ ކޮންމެ ބަލިމީހަކީވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހެއްތޯ ބަލައި، އެކަމުން ދުރުހެލިވުމަށް ޢާއްމުންނަށް ހިތްވަރުދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އައި.ޖީ.އެމް.އެޗްގެ ވަރަށް ބޮޑު އަމާޒެކެވެ.