ވިޔަފާރި

މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް


ޒަމާނުއްސުރެ މަސްވެރި މޫސުންތަކުގައި މަސްވެރިން ބާނާ މަސްކިރުވުމުގައި ދަތިތައް ކުރިމަތިވަމުންދެއެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުންފެށިގެން ސަރުކާރުން ވަނީ މި ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

މަސްވެރި މޫސުންތައް ނުވަތަ ގިނައިން މަސް ބާނާ ދުވަސްވަރު މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކޮށް މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން ދޭ ޚިދުމަތްތައް އަވަސްކޮށް ވީހާވެސް ފުރިހަމަކޮށް މަސްވެރިންނަށް ފޯރުކޮށްދީ މިފްކޯގެ ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފައެެވެ.

މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން 2013 ވަނަ އަހަރުންފެށިގެން އެ ކުންފުނިން މަސްކިރުވޭ ކެޕޭސިޓީ އިތުރުކޮށް މަސްވެރިންނަށް ލިބޭ ޢާމްދަނީ އިތުރުކޮށްފައިވާކަން މިފްކޯއިން ފާހަގަކުރެއެވެ.

ފާއިތުވެދިޔަ ތިންދުވަހު ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އިންތިހާ ރަނގަޅުވެފައިވާއިރު މަސްކިރުވުމުގައާއި، މަސްވެރިންނަށް ބޭނުންވާވަރަށް އައިސް ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި މިފްކޯއިން ވަނީ ދެކުނުގައި ހުރި ހުރިހާ އައިސްޕްލާންޓެއްގެ އޮޕަރޭޝަން 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. ކުރިން އައިސް ޕްލާންޓްތައް އޮޕްރޭޓް ކުރަމުންދަނީ ރޭގަނޑު އެގާރަ ޖެހުމާ ހަމައަށެވެ. މިފްކޯއިން މިހާރު ދަނީ އައިސް ޕްލާންޓްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ފާއިތުވެދިޔަ ތިންދުވަހު ކޫއްޑޫއަށް ގާތްގަޑަކަށް 1200 ޓަނުގެ މަސްކިރުވާފައިވާއިރު މިއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނައިން މަސްކިރުވި ފަހަރެވެ. ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ އޮޕަރޭޝަންސްއިންޗާރޖް އިބްރާޙިމް ރަޝީދު ވިދާޅުވީ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި 3 ކްރޭން އެއްފަހަރާ ބޭނުންކޮށްގެން މަސްކިރުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަސް ކިރަން އަންނަ ދޯނިފަހަރު ގިނަވެއްޖެނަމަ މިފްކޯގެ މަސްކިރުވާ ބޯޓު ބޭނުންކޮށްގެންވެސް މަސްކިރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފްކޯގެ އަމާޒަކީ މަސްކިރުވުމަށް އަންނަ މަސްވެރިންނަށް އަވަސް ޚިދުމމަތެއް ފޯރުކޮށްދިނުން ކަމަށްވެސް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"
"2 ނުވަތަ 3 ވާއރި ފައިސާ ނުދެވި ހުރެދާނެ. އެހެންނަމަވެސް އެއީ ވަރަށް މަދުން ދިމާވާކަމެއް. އާއްމުކޮށް މަސްކިރުވީމާ ވަގުތުން ފައިސާދެން. މިހާރު ގާތްގަނޑަކަށް 1200 ޓަނުގެ މަސް ގަނެފިން. އެވްރެޖްކޮށް ދުވާލަކަށް 60 ހާއި 70 ދެމެދުގެ ދޯނިތަކުން މަސްކިރުވާ."
އިބްރާހީމް ރަޝީދު

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވަމުންއައި ދަތިތައް ހައްލުކޮށްދިނުމަށް ޚާއްޞަ އިސްކަމެއްދީގެން ސަރުކާރުން ކުރި މަސައްކަތުން މިފްކޯގައި ހުރި ދަތިތައް ހައްލުކޮށް އެކުންފުނީގެ ކެޕޭސިޓީ މިހާރު މިވަނީ އިތުރުކޮށްފައެވެ.

މިގޮތުން އެކުންފުނީގެ މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށް، މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް މިއަހަރު އިތުރު ކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވާއިރު މަސްކިރުވައިގެން މަސްވެރިންނަށް ރަނގަޅު ޢާމްދަނީ އެއް ލިބެމުންދާކަން މަސްވެރިން ފާހަގަކުރެއެވެ. މަސްވެރިން ބުނީ މިފްކޯއިން މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރާކަމަށެވެ. އަދި ކުރިއަށް އޮތްނަތުގައިވެސް މަސް ކިރުވުމުގެ ކެޕޭސިޓީ އިތުރުކޮށްދޭނެކަމަށް އުއްމީދުކުރާކަމަށްވެސް މަސްވެރިން ބުންޏެވެ.

މަސްވެރިންނަށް މަސްކިރުވުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އައްޑޫ ސިޓީގައި އިތުރު ފިޝަރީސް ކޮމްޕްލެކްސްއެއް ހަދަމުންދާއިރު އެތަންހުޅުވާ ޖުލައި މަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެކަމަށްވެސް މިފްކޯއިން ބުނެއެވެ. މިފްކޯއިން މިދިޔަ އަހަރުވަނީ ރާއްޖޭގެ ތިން ސަރަޙައްދެއްގައި އިތުރު އައިސް ޕްލާންޓްވެސް ޤާއިމުކޮށްފައެވެ. އެގޮތުން ރ.އަލިފުށްޓާއި، ތ.ހިރިލަންދުއާއި، ގއ.ދާންދޫގައި އައިސްޕްލާންޓް ޤާއިމްކޮށްފައިވާއިރު، މިހާރުވެސް އެކުންފުނިން ގެންދަނީ އިތުރު ތިން ޕްލާންޓްގެ މަސައްކަތް ކުރަމުންނެވެ. މިފްކޯއިން ބުނީ އަލަށް ހަދާ އައިސް ޕްލާންޓްތަކާއެކު މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުވެގެންދާނެކަމަށެވެ.